ޓްރާންސިޓް ބޭނުމަށް މާލޭ ސަރަހައްދުގައި ހުއްދަ ދީފައިވާ ގެސްޓްހައުސްތައް އަންނަ ހަފުތާ ތެރޭ އޮޕަރޭޝަނަށް ގެނައުމަށް ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރު އަލީ ރައްޒާން ވިދާޅުވީ، މާލޭ ސަރަހައްދުގައި ހުރި ގެސްޓްހައުސްތާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ މާދަމާއިން ފެށިގެން ދޭއިރު، މާލޭ ސަރަހައްދުގައި 2،500 ޓޫރިސްޓު އެނދު އެބަހުރި ކަމަށެވެ.

ރައްޒާން ވިދާޅުވީ، މާލޭ ސަރަހައްދުގެ ބައެއް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މާދަމާވެސް ދެވޭނެ ކަމަށާއި އެގޮތުން މިހާރު ހުރި އެސްއޯޕީތަކަށް ބަލާއިރު މާދަމާ ދިހަ ގެސްޓްހައުސަކަށް ހުއްދަ ދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ބަންދުކުރި ނަމަވެސް ޓްރާންސިޓް ބޭނުމަށް މާލޭ ސަރަހައްދުގެ ބައެއް ގެސްޓްހައުސްތައް އަންނަނީ ބޭނުންކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭ ސަރަހައްދުގެ 80 ގެސްޓްހައުސެއް އަންނަނީ ޓްރާންސިޓް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. ރައްޒާން ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި އެތަންތަންވެސް ފުލް އޮޕަރޭޝަނަށް އަންނާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ޓްރާންސިޓް ބޭނުމަށްޓަކައި އޮޕަރޭޓް މިކުރާ 80 ތަންވެސް މިބަލަނީ ފުލް އޮޕަރޭޝަނަށް ކޮންވާޓްވެގެން އާންނާނެ ކަމަށް،" ރައްޒާން ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މާޗު 27ގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު ބޯޑަރު އަލުން ހުޅުވާލައި ރިސޯޓުތަކާއި ސަފާރީތަކަށް ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި 15 ގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހިންގާ ރަށްރަށުގައި ހުރި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކުގެ ތެރެއިން 147 ގެސްޓްހައުސް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އަދި 137 ރިސޯޓަކާއި ފަސް ހޮޓަލެއްގެ އިތުރުން 127 ސަފާރީވެސް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 500،000 ފަތުރުވެރިން ގެނައުމެވެ. މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ އަމާޒަށް މިމަހުގެ 19 ވަނަ ދުވަހު ވާސިލުވެވޭނެއެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ވަނީ ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. މާޗު 27 ގައި ބޯޑަރު ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އައީ، 382،760 ފަތުރުވެރިންނެވެ.