މާލޭގައި 48 ގަޑިއިރު މަޑުކުރާ ފަތުރުވެރިން މާލެއިން ބޭރަށް ދާނަމަ ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގުގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ހުރި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭއިރު، މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން 48 ގަޑިއިރަށް ވުރެ ގިނައިރު މާލޭ ސަރަހައްދުގައި މަޑުކުރުމަށް ފަހު އަތޮޅުތެރެއަށް ދާނަމަ، ޕީސީއާރް ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށެވެ.

"ފަތުރުވެރިޔަކު މާލޭ ސަރަހައްދުގެ ހޮޓަލެއްގައި ނުވަތަ ގެސްޓްހައުސެއްގައި 48 ގަޑިއިރަށް ވުރެ ގިނައިރު، މާނައަކީ ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާނަމަ އޭގެ ފަހުން މިސާލަކަށް ރިސޯޓަކަށް ދާނަމަ ނުވަތަ އޭނާ މީހުން ދިރިއުޅޭ ރަށެއްގައި ހުރި ގެސްޓްހައުސަކަށްދާނަމަ ނުވަތަ ސަފާރީއަކަށް ދާނަމަ ޕީސީއާރް ހަދަން ޖެހޭނެ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، މާލޭ ސަރަހައްދުގައި 48 ގަޑިއިރުވުމަށްފަހު އަތޮޅުތެރެއަށްދާ ފަތުރުވެރިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭ ގޮތަށް ނިންމީ ކޮވިޑްގެ ނުރައްކަލުން އަތޮޅުތެރެ ރައްކާތެރިކުރުމަށް ކަމަށެވެ. އަދި މާލޭ ސަރަހައްދަށް އަންނަ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިންވެސް ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މާލޭގެ ގެސްޓްހައުސްތައް މާދަމާ ހުޅުވާއިރު، ގެސްޓްހައުސްތަކުން އަމަލުކުރަން ޖެހޭނެ ކަންކަން ބަޔާންކޮށް ވަނީ ގައިޑްލައިނެއް ނެރެފައެވެ. އެ ގައިޑްލައިންގައި ފަތުރިވެެރިންނާއި މުވައްޒަފުންގެ ސަލާމަތަށް އެތައް ކަމެއް ހިމަނާފައިވާ އިރު، ކޮންމެ ގެސްޓްހައުސެއްގައި ވެސް އައިސޮލޭޝަން ރޫމެއް ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ގެސްޓްހައުސްތަކުގައި މަސަައްކަތްކުރާ މުވައްޒަފުން ކޮންމެ މަހަކު ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މާލޭ ސަރަހައްދުގައި 2،500 ޓޫރިސްޓު އެނދު އެބަހުއްޓެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ ނިޔަލަށް އޭގެ ތެރެއިން 90 އިންސައްތަ އެނދު އޮޕަރޭޝަނަށް އަންނާނެ ކަމަށެވެ.