ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 228 ފަތުރުވެރިން ކަމަށާއި ފަތުރުވެރިއެއްގެ ފަރާތުން ބަލި ފެތުރިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރު އަލީ ރައްޒާން ވިދާޅުވީ، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 100،000 ފަތުރުވެރިން އައިސްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 228 ފަތުރުވެރިން ކަމަށެވެ.
"ލަައްކައެއްހާ ފަތުރުވެރިން އައިސްފައިވާއިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ފަތުރުވެރިންގެ ތެރެއިން މި ރެކޯޑް ކުރެވުނީ 228 ފަތުރުވެރިޔަކު. އެއީ އައި އެރައިވަލްގެ ގާތްގަނޑަކަށް 0.2 އިންސައްތަ،" ރައްޒާން ވިދާޅުވިއެވެ.
ރައްޒާން ވިދާޅުވީ، ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެހާ ކުޑަ އިންސައްތައެއް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރާތީ ކަމަށެވެ.
މީގެ އިތުރުން ރައްޒާން ވިދާޅުވީ، 228 ފަތުރުވެރިކު ޕޮޒިޓިވްވި ނަމަވެސް އެމީހުންގެ ފަރާތުން ކޮވިޑްގެ "އައުޓްބްރޭކެއް" އައިސްފައި ނުވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކުގެ ތެރެއިން 147 ގެސްޓްހައުސް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އަދި 137 ރިސޯޓަކާއި ފަސް ހޮޓަލެއްގެ އިތުރުން 127 ސަފާރީވެސް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 500،000 ފަތުރުވެރިން ގެނައުމެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ އަމާޒަށް މިމަހުގެ 19 ވަނަ ދުވަހު ވާސިލުވެވޭނެއެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ވަނީ ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. މާޗު 27 ގައި ބޯޑަރު ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އައީ، 382،760 ފަތުރުވެރިންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 13،368 މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު