ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އިއްޔެ ރާއްޖެ އައި މީހުންގެ އަދަދު 3،800 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިއްޔެ އެކަނި ވެސް ރާއްޖެއަށް 3،864 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ ބޯޑަރު ހުޅުވި ފަހުން ރެކޯޑެކެވެ. މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ 3،006 ފަތުރުވެރިންނެވެ.

މިއަދަދާއެކު ޖުލައި 15 ގައި ބޯޑަރު ހުޅުވި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 103،557 އަށް އަރައިފަ އެވެ. އަދި މިއަހަރުގެ ޖުމްލަ އަދަދަކީ 486،404 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ލަފާކުރާ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ފަސް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 2،285 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އެމީހުން ރާއްޖޭގައި 8.4 ދުވަސް ހޭދަ ކޮށްފައިވެ އެވެ.

މިއަހަރުގެ ޖުލައި އިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެގައުމުން 21،856 ފަތުރުވެރިން އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެއީ 15،774 ފަތުރުވެރިންނެވެ.