މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން އައްޑޫގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އައްޑޫގައި ހަދާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 7،98،536.69 (7.9 މިލިއަން ރުފިޔާ) އެ މަޝްރޫއަށް ހަރަދުކުރާ އިރު، ދިވެހި ދައުލަތުން ވެސް 7.1 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

މި މަޝްރޫގެ ކޮންޓްރެކްޓަރަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ހަވާލުކުރާ ގޮތަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އައްޑޫގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި އެ މަރުކަޒު ހަދައި ނިމި ހިދުމަތް ދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.