އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ކޮވިޑް-19 އަށް ފަހު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެއް ލައްކަ ފަތުރުވެރިން މިއަދު ވަނީ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 525،000 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރެވޭއިރު، މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ފަސް ލައްކަ ފަތުރުވެރިން ގެެނައުމަށް ކަނޑައެޅި އަމާޒު މިމަހުގެ 19 ވަނަ ދުވަހު ހާސިލް ކުރެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، މިހާރު ފެންނަ ނަންބަރުތަކަށް ބަލާއިރު އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ބެޑް ނައިޓްސްގެ އަދަދު 10 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ވެސް މިނިސްޓްރީން އަންދާޒާކުރެ އެވެ.

ކުރިއަށް އޮތް ކްރިސްމަސް އާއި އާ އަހަރު ގިނަ ރިސޯޓުތަކެއް މިހާރު ވެސް ވަނީ ފުލްވެފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން 413 ފެސިލިޓީއެއް މިވަގުތު ވެސް ހިނގަމުންދެ އެވެ. އޭގެ ތެރޭގައި 135 ރިސޯޓާއި ފަސް ހޮޓަލާއި 127 ސަފާރީ އުޅަނދު އަދި 146 ގެސްޓްހައުސް ހިމެނެ އެވެ. މި ފެސިލިޓީތަކާއެކު މިވަގުތު 36،813 އެނދެއް ވަނީ އޮޕަރޭޝަނަށް އައިސްފަ އެވެ.

އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އަންދާޒާ ކުރާއިރު މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަހަރެވެ. އެއީ 1.7 މިލިއަން ފަތުރުވެރިންނެވެ.