ކޮވިޑް 19އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ރާއްޖެއަށް ޒިޔާރަތްކުރި އެއް ލައްކަވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހާއްސަ މަރުހަބާއެއް ކިޔައިފައެވެ.
މި ކަމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ހަފްލާގައި އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރިއު ސްޓުވަރޓް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާގެ އިތުރުން ވީއައިއޭ އާއި އިމިގްރޭޝަންގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ހަފްލާގައި ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޖޭސްމިން އަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި އެމްއޭސީއެލްގެ ސީއީއޯ، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަދި އިމިގްރޭޝަންގެ ކޮންޓްރޯލާގެ ފަރާތުން ވަނީ ހަދިޔާ ދެއްވައިފައެވެ.
ކޮވިޑް 19 އާގުޅުގެން މާޗް މަހުގެ ތެރޭގައި ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލީ، ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 135 ރިސޯޓް، 127 ސަފާރީ އަދި 146 ގެސްޓްހައުސް ހުޅުވާލައި އަންނަ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް