ކޮވިޑް-19 ވެކްސިނަކީ ވެކްސިންގެ ތާރީހުގައި އެންމެ އަވަހަށް ތައްޔާރު ކުރެވުނު ވެކްސިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިން ދިނުމާ ގުޅޭގޮތުން އެޗްއީއޯސީން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ގައުމީ ވެކްސިން ޕްރޮގްރާމްގެ އެންމެ އިސްފަރާތުގެ ގޮތުގައި ހަމަޖައްސާފައިވާ ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިނަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ހަތިޔާރަކަށްވާއިރު، ރާއްޖޭގައި ވެސް ގައިންގަޔަށް އަރާ ގިނަ ބަލިތައް ނައްތާލެވިފައިވަނީ ކާމިޔާބު ކަމާއެކު ވެކްސިން ޕްރޮގްރާމްތައް ހިންގައި ކުރިއަށް ގެންދެވޭތީ ކަމަށެވެ.

އެގޮތުން ކޮވިޑް ވެކްސިނަކީ ބައްޔާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އަލިމަގެއް ގެނެސްދޭނެ އެންމެ އުންމީދީ ހައްލުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ވެކްސިނަކީ ދުނިޔޭގައި އެންމެ އަވަހަށް ތައްޔާރުކުރެވުނު ވެކްސިން ކަމަށެވެ. ނަމަވެސް އެ ވެކްސިން ވެސް ތައްޔާރު ކޮށްފައިވަނީ ވެކްސިން އުފެއްދުމަށް އާންމުކޮށް ކުރިއަށްދާ މަރުހަލާތަކާއި ޓްރަޔަލްތައް ފުރިހަމަކޮށްގެން ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ވެކްސިން ތައްޔާރު ކުރަމުން އަންނައިރު، އޭގެ ތެރޭގައި އެކި ބާވަތްވާތުގެ ވެކްސިން ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން ރާއްޖެއަށް ގެންނަން ނިންމާފައިވަނީ ކޮން ވެކްސިނެއްކަން އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޮވިޑާ ދެކޮޅަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފޭސް ތިނެއްގެ ޓްރަޔަލްގައި ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެ ވެކްސިނަކީ އެސްޓްރާޒެނެކާ ވެކްސިނާއި މޮޑާނާ ވެކްސިން އެވެ. އަދި އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.