ގެސްޓްހައުސް

ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް ހަމަޖައްސައިފި

އަލީ ޔާމިން

ރަށްރަށުގައި އަދި ސިޓީތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވަން އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކޮވިޑާއި ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލިއިރު އަމަލުކުރި އުސޫލުގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދަން ޖެހެއެވެ. އަދި އެރަށަކަށް ފަތުރުވެރިން ގެންދެވޭނީ ކައުންސިލްގެ އިއުތިރާޒެއް ނެތް ކަމުގައިވާ ނަމައެވެ.

ޓޫރިޒަމް މިސްޓްރީން މިރޭ ނެރުނު ސާކިއުލާގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވާލުމާމެދު ސިޓީ ކައުންސިލު ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް މިނިސްޓްރީއަށް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. އެ އުސޫލަށް އަމަލު ކުރަން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ސާކިއުލާގައި ބުންޏެވެ.

މިނިސްޓްރީން ބުނީ، އެގޮތަށް އުސޫލަށް ބަދަ ލުގެނައި ނަމަވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކުރޭތޯ ކައުންސިލުތަކާއި ގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މޮނީޓާ ކުރާމެ ކަމަށްވެސް ސާކިއުލާގައި ބުންޏެވެ.

ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް ހަދަން ނިންމާފައިވާއިރު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ރަށު ފަތުރުވެރިކަމަށް ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ދިނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.