މިދިޔަ ހޮނިހިރު ދުވަހަކީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ދުވަހެއްގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް އެންމެ މަތިވި ދުވަސް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ، ހޮނިހިރު ދުވަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 352 އަށް އަރާ ކަމަށެވެ.

ފްލައިޓް މޫވްމަންޓްގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހަކީ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. އެއީ 2900 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. އެމްއޭސީއެލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ހޮނިހިރު ދުވަހު 3100 އަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ދެ ރެކޯޑެއް ހަދާފައިވާއިރު، އެދުވަހު ތިން އެއާލައިނަކުން ރާއްޖެއަށް ވަނީ ދަތުރުތައް ފަށައިފަ އެވެ. އެއީ ބްރިޓިޝް އެއާވޭސް ސީޝެލްސްގެ ގައުމީ އެއާލައިން، އެއާ ސީޝެލްސް އަދި ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އާސްތާނާ އެވެ.

މީގެ ތެރެއިން އެއާ ސީޝެލްސް އާއި އެއާ އާސްތާނާއަކީ ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށި ދެ އެއާލައިނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމަތަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 20 އަށްވުރެ ގިނަ އިންޓަނޭޝަނަލް އެއާލައިނުން ރާއްޖެ އަށް އަންނަނީ ދަތުރު ކުރަމުންނެވެ. އަދި މިމަސް ނިމުމުގެ ކުރިން އިތުރު ހަތް ވަރަކަށް އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.