Close
ޚަބަރު

އިންސާފު ލިބުން ލަސްވަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ އަދި އިންސާފު ގާއިމްކުރުން އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަަލަ ހުށަހެޅުއްވުމުން، ގަވާއިދު މަޖިލީހަށް ބަލައި ގަތުމަށް ފެނޭތޯބެލުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައި ގަތުމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. އެ މައްސަލަ ބަލައި ގަންނަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ މަޖިލީހަށް ބަލައި ގަތުމަށް 27 މެންބަރުންގެ ވޯޓު ބޭނުން ވެއެވެ.

ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، އަދުލު އިންސާފު ގާއިމް ކުރުމަކީ އިސްލާމް ދީނާއި ގާނޫނުއަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި، އަދުލު އިންސާފު ގާއިމްކޮށް، ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމު ކުރާ، އަދި ދީމިކްރާތީ ވެރިކަމެއްގެ އެންމެ މުހިއްމު އުންސުރުކަމުގައި ގަބޫލު ކުރާތީ އާއި، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ގިނަ މުފައްކިރުން ދެކޭތީއާއެކު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އިންސާފު ލިބުން ލަސްވުމާއި، އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ނުހައްގު އަނިޔާތައް ލިބުމާއި އަދި އެމަނިކުފާނުގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.

މީގެ އިތުރުން ނުހަނު އަނިޔާވެރި ގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް އާއި ޑރ.އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިލުވާން އަބުދުﷲގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ އާއި، އަދި އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއްވެސް ނެތި، އެތައް އާއިލާތަކެއް މާޔޫސްވެ، އުއްމީދު ގެއްލި އަދި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށްވެސް އެ އެ މައްސަލައިގައި ބުނެފައިވެއެވެ.

"އިންސާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ، ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއްނެތި އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި،" ހުށަހަޅާ މައްސަލައެއްކަމަށްވެސް މި މައްސަލައިގައި ބުނެފައިވެއެވެ.