ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް ހުކުމް އިއްވަން މިއަދު ބާއްވަން އޮތް ޝަރީއަތުުގެ މަޖިލިސް ކެންސަލް ކޮށްފިއެވެ.

ކުރިމިނަލް ކޯޓިގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް ވިދާޅުވީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ޝަރީއަތް ލައިވް ނުކުރެވިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަތަކަށް ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ މިއަދު ހެނދުނު 10:30 އަށެވެ. އެ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި މީގެ ކުރިން ވަނީ އެއްބަސްވެފަ އެވެ.

އެ ދައުވާތަކުގައި ހިމެނެނީ، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ދައުވާތަކެވެ. އެ ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ. ދައުވާތަކަށް ޒިޔަތު އެއްބަސްވެފައި ވަނީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެހެންކަމުން އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ ދައުވާތަކުގެ ޖުމްލަ އަދަބެއްގެ ގޮތުން ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.