ރިޕޯޓް

"ފިރިމީހާ ރުޅި އައުމުން ކަރަށް ފައިން ވެސް އަރާ.." (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

1
އަނިޔާގެ ވާހަކަތައް ވަން އަށް ކިޔައިދެނީ ....

އުމުރުން 19 އަހަރުގައި މި ޒުވާން އަންހެން ކުއްޖާ އަލަތު ކައިވެނި ކުރީ އިންތިހާއަށް ލޯބިން ރައްޓެހިވެގެން އެތައް ދުވަހަކު އުޅުމަށް ފަހުގަ އެވެ. ކައިވެނީގެ ފުރަތަމަ ދުވަސްތައް ދިޔައީ ވަރަށްވެސް އުފާވެރިކޮށެވެ. ނަމަވެސް ދުވަސްތަކެއް ފަހުން ފިރިމީހާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށި އެވެ. ދަރިއަކު ލިބި އެންމެ ލޯބިން އުޅެންވީ ދުވަސްތަކުގައި ފިރިމީހާ ހިލޭ އެހެން އަންހެނުންނާ ގުޅުން ބާއްވާކަން ފަޅާއަރަން ފެށި އެވެ. އެކަންކަން ނުކުރަން އެދި އާދޭހާއި ޝަކުވާ ކުރަން ފެށުމުން ދެން ކުރިމަތިވާން ފެށީ އަނިޔާ އެވެ. އަނިޔާގެ އިންތިހާ އެވެ.

"ޗުއްޓީއަށް އެހެން ރަށަށް އައިސް އެހެން ހުންނައިރު ވަރަށް ގިނަ ކޯލްތައް އަންނާނެ. ދެން ބައެއް ފަހަރު ފޯނު ނެގުނީމަ އަންހެން ކުއްޖެއްވީމަ ސުވާލު ކުރަން ކޮންކުއްޖެއްތޯ. އެ ހިސާބުން ދޮގު ހަދާކަން އެނގުނީމަ އެ ވާހަކަ ދައްކަން ފެށީމަ ހިތްހަމަ ނުޖެހިގެން އަނިޔާ ކުރަން ފެށީ،" މިހާރު އުމުރުން 34 އަހަރުގެ އެ އަންހެން ކުއްޖާ ވަން އަށް ކިޔައިދިނެވެ.

"އެންމެ ފުރަތަމަ އަނގަމަތީގައި ޖެހީ. ދެން ފަހުން ބޮލުގައިވެސް ފޯނުން ޖަހައި އެ ކަހަލަ އަނިޔާތަކެއް ކޮށްފައި ހުރީ،" ދެ ކުދިންގެ މަންމަ ކިޔައިދިނެވެ.

އަލަތު ކައިވެންޏަށް ވުމާއި ދަރިއަކު ހުރުމާއެކު ފިރިމީހާގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދިޔަ އަނިޔާތަކަށް ހަތް އަހަރު އެ ޒުވާން އަންހެން ކުއްޖާ ކެތް ކުރި އެވެ.

"ވަރަށް ކުޑައިރު މެރީ ކުރީ މިބުނާހެން ލޯބިވެގެން. ދެން މުޖުތަމައުގައި ކިޔާނެ އެއްޗިއްސަށް ބަލާފައި އަސްލު އަޅުގަނޑު މަޑުކޮށްގެން ހުރީ. އެހާ ޅަ އުމުރުގައި ލޯބިން މެރީކޮށްގެން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެހެން ހުންނަ މައްސަލަތަކެއްގެ ސަބަބުން ރޫޅާލާކަށެއް. ދަރިއަށްޓަކައި ވެސް ލިބިދާނެ ގެއްލުމަކަށް ބަލައިފަވެސް." އޭރުގެ ތަޖުރިބާ އަންހެން ކުއްޖާ ކިޔައިދިނެވެ.

އަނިޔާތައް އިންތިހާއަށް އިތުރުވާން ފެށުމުން އެކަމަށް ކެތް ނުކުރެވިގެން އޭނާ ވަރިވި އެވެ. އެއާއެކު އެ އަނިޔާތަކުން އޭނާއަށް ސަލާމަތް ވެވުނެވެ.

ވަރިވިތާ ދެ އަހަރު ފަހުން އަނެއްކާ ވެސް ލޯބީގެ ގޮތުން އެހެން ފިރިހެނަކާ އެ އަންހެން ކުއްޖާ ގުޅުނެވެ. އެ ފިރިހެން ކުއްޖާގެ ވާހަކަތައް އަޑުއަހައިފައި ކުރިން ދިމާވި ކަންކަން ދިމާ ނުވާނެ ކަމުގެ އުއްމީދާއެކު އޭނާއާ ކައިވެނި ކުރި އެވެ. ނަމަވެސް ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. އެކިއެކި މައްސަލަތައް ދިމާވާން ފެށި އެވެ. ފަހުން އިން މީހާއަށް އެންމެ ބޮޑު މައްސަލައަކަށް ވީ ކުރީގެ ފިރިމީހާ އޭނާގެ ދަރިފުޅު ދެކެން ގެއަށް އަންނަ މައްސަލަ އެވެ.

"އޭނާ ބޭނުންވަނީ އެކަން ހުއްޓުވާން. އަޅުގަނޑަށް ދަރިފުޅުގެ ބައްޕަވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އެކަން މަނާ ކުރާކަށެއް. ދެން އެކަން ނުހުއްޓުމުގެ ސަބަބުން އަނިޔާތައް ލިބެން ފެށީ،" އޭރުގެ ހަނދާންތައް އާ ކުރަމުން އަންހެން ކުއްޖާ ބުންޏެވެ.

ދުވަސް ވާވަރަކަށް މައްސަލަތައް ބޮޑުވާން ފެށި އެވެ. ފަހުން ކުރި ކައިވެނީގައި އަލަތު ކައިވެނީގައި ތަޖުރިބާކުރި އަނިޔާތަކަށްވުރެ މާ ހިތްދަތި އަނިޔާތަކެއް ތަހައްމަލު ކުރަން ޖެހުނެވެ.

"މީނަގެ ފަރާތުން ލިބުނު އަނިޔާތަކަކީ ފޯނުން ބޮލުގައި ޖެހުން، ކަރަށް ފައިން އެރުން، އަނގަމަތި ފަޅާލުން، ބޯފަޅައިލުން، މިކަހަލަ ވަރަށް ގިނަ އަނިޔާތައް މި ދިރިއުޅުމުގައި ލިބުނު،" އަނިޔާގެ ތަޖުރިބާ އެ އަންހެން ކުއްޖާ ކިޔައިދިނީ މިގޮތަށެވެ.

ދެވަނަ ކައިވެނީގައި ވެސް އަނިޔާތަކެއް ތަހައްމަލު ކުރަން ޖެހުމުން އެކަންވީ ބޮޑު ވޭނަކަށެވެ. ނަމަވެސް މުޖުތަމައު ދެކެފާނެ ގޮތަކާއި ފަހުން ކުރި ކައިވެންޏަށް ވެސް ދަރިއަކު ލިބިފައި ހުރުމުން ދޮޅު އަހަރެއްހާ ދުވަހު އެ އަނިޔާތަކަށް އޭނާ ކެތްކުރި އެވެ. ނަމަވެސް ކެތްކުރި ވަރަކަށް އަނިޔާތައް ދިޔައީ ބޮޑުވަމުންނެވެ.

"ގޭ ބަންދު ކުރަން ފުރަތަމަ {ފެށީ}. ފޯން އަތުލާފައި ގޭބަންދު ކޮށްފައި {ފިރިމީހާ} ދަނީ ޑިއުޓީއަށް. އެއްވެސް މީހަކަށް ގުޅޭނެ ގޮތެއް ވެސް ނޯވޭ. ގެއަށް އައިސްފަވެސް އަނިޔާ ކުރަނީ." އެ ހިތްދަތި ތަޖުރިބާ އަންހެން ކުއްޖާ ކިޔައިދިނެވެ.

އަނިޔާތައް ބޮޑުވަމުން ގޮސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔަ އެވެ. އެ ހިސާބުން ވަރިވެ އެ ދިރިއުޅުމުން ނުކުތުމަށް އޭނާ ނިންމި އެވެ. އެއީ 2016 ވަނަ އަހަރެވެ. އިންސާފު ހޯދުމަށް ފުލުހަށާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެން އިދާރާތަކަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެތަންތަނުން ވެސް އެކަށީގެންވާ އެހީތެރިކަން ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

"ޖެންޑާއަށް ވެސް މައްސަލަ ހުށަހެޅިން. އެފްސީޕީޑީ (ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް) އަށް ދިޔައިން ތިން ރޭ ޖެހިޖެހިގެން. އެފްސީޕީޑީއަށް ގޮސްފައި އަނެއް ދުވަހު ގުޅާލާފައި އަޅުގަނޑު މިއަހަނީ ކިހިނެއްތޯއޭ މިހާރު ކޭސް ކުރިއަށް ދަނީ. ބުނީމަ ބުނަނީ ތި އައިޑީ ނަމުގައި އެއްވެސް ކޭސްއެއް ހުށަހަޅާފައެއް ނެތޭ،" ޝަކުވާ ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

އަނިޔާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅިކަން އެނގިގެން އޭރުގެ ފިރިމީހާގެ ފަރާތުން މަރުގެ އިންޒާރުތައް ތަކުރާރުކޮށް އެ އަންހެން ކުއްޖާއަށް ލިބުނެވެ. އެކަމަކު ކަމާބެހޭ ފަރާތަކުން ރައްކާތެރިކަމެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

ގެވެށި އަނިޔާގެ މައްސަލާގައި އެ އަންހެން ކުއްޖާއަށް އެހީތެރިކަން ނުލިބުނު ކަމަށް ބުނާ ބުނުމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ބަހެއް އަދި މިހާތަނަށް ވަން އަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ދަރިފުޅަށްޓަކައި އަދި މުޖުތަމައު ދެކިދާނެ ގޮތަކަށްޓަކައި އަނިޔާއަށް ކެތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މި އަންހެން ކުއްޖާގެ ތަޖުރިބާއިން ވެސް އެކަން އިތުރަށް ޔަގީންވެ އެވެ.

"އަޅުގަނޑު ނުބުނާނަން އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި އަނިޔާއަށް ކެތް ކުރާށެކޭ. ފުރަތަމަ އަނިޔާ ކުރާ ހިސާބުން ދެ މީހުންގެ ދޭތެރޭގައި އެ އިންނަ ރެސްޕެކްޓް އެ ގެއްލުނީ. ގެއްލިއްޖެއްޔާ ދެން އޭތި ކުރިއަށް ދާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،"

އަނިޔާ ކުރާ މީހާއާ ވަކިވެވުނު ނަމަވެސް އޭގެ އަސަރު ގިނަ ދުވަސްތަކަކަށް ހުރެ އެވެ. ނަފްސާނީ ގޮތުން އެތައް ގެއްލުމެއް މީހާއަށް ލިބިފައިވާތީ އެވެ. މި އަންހެން ކުއްޖާއާއި އޭނާގެ ދަރިންނަށް ވެސް އެފަދަ އެތައް ކަމަކާ މިވަނީ ކުރިމަތިވެފަ އެވެ.

"އަޅުގަނޑަށް އަނިޔާ ކުރާތަން ފެނުނީމަ ދަރިފުޅު މިބުނަނީ މަންމައަށް އަނިޔާ ނުކުރާށޭ. އަނިޔާ ކުރާކަމަށް ވާނަމަ ތިމަންނަ ބޭނުމެއް ނޫނޭ މިތާ ހުންނާކަށެއް. އޭގެ ސަބަބުން ދަރިފުޅަށް އިންޒާރުތަކެއް ވެސް ލިބިފައި އެބަހުރި."

"އަޅުގަނޑަށް މިހާރުވެސް މީހަކު ހިތްހަމަ ނުޖެހިގެން މީހަކު ބާރަށް އެއްޗެއް ބުނެ، ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނެ ހަދާނަމަ އެ ބިރު އަދިވެސް އިނދޭ. ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނާއިރު އަތް މޫވް ކުރާގޮތަކުން ވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑު ގައިގައި ޖަހަންށޭ ނޫނީ އަޅުގަނޑަށް އަނިޔާއެއް ލިބޭނޭ،"

އެ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ހިތްވަރާއެކު ތެދުވާން ޖެހެ އެވެ. ފުރަތަމަ ދުވަހުން ފެށިގެން އިތުބާރު ކުރެވޭ މީހަކާ އެކަންކަން ހިއްސާ ކުރަން ޖެހެ އެވެ. އަދި ތިމާއަށް ހެޔޮ އެދޭ މީހުންނާއެކު ވަގުތު ހޭދަ ކުރުމާއި ސިއްހަތަށް ފައިދާ ހުރި ކަންކަމުގައި ވަގުތު ހޭދަ ކުރުމަކީ އެފަދަ އަނިޔާތަކުން ދިމާވާ ކަންކަމުން އަރައިގަނެވޭނެ ކަމެއް ކަމަށް އެކަން ތަޖުރިބާ ކޮށްފައިވާ މީހުން ބުނެ އެވެ.

"އަޅުގަނޑު މަސައްކަތް ކުރީ މީހުންގެ ތެރެއަށް ނުކުމެ އުޅެން. ވަޒީފާއަށް ދިއުމުގެ އިތުރުން އަޅުގަނޑު ޖިމްއަށް ދާން ފެށީ. ޖިމްއަށް ދާން ފެށީމަ އެ ވަގުތު އަޅުގަނޑު ބޭނުން ކުރަން ފެށީ ސެލްފް މޯޓިވޭޓް ކުރުމުގެ ގޮތުގައި،"

ކައިވެނި ކުރުމަށްޓަކައި ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭއިރު އެ މީހަކީ އަނިޔާ ކޮށްފާނެ މީހެއްކަން ދެނެގަތުމަށް އެންމެ މުހިންމު ކަމަކީ އޭނާއަކީ ރުޅި ކޮންޓްރޯލް ކުރާ މީހެއްކަން ދެނެގަތުން ކަމަށް އެ އަންހެން ކުއްޖާ ބުންޏެވެ.

"ރުޅިއައިސްގެން އެ ބުނާ ހަޑިހުތުރު ބަސް. ބޭއަދަބީ ބަސްތައް ބޭނުން ކުރާ ހިސާބުން އެ ހުރީ ދެ މީހުންގެ ދެމެދުގައި މިބުނާ ރެސްޕެކްޓް ގެއްލިފައި. އެހެންވެ ވިސްނަންވީ ކަމަކީ ތިމާދެކެ ލޯބިވާ މީހަކު ތިމާއަށް ހެޔޮ އެދޭ މީހަކު ތިމާއަށް ދެރަވާނެ ގޮތަކަށް ބަހެއްވެސް ނުބުނާނޭ. އެއްވެސް ގޮތަކަށް ކަމެއް ވެސް ނުކުރާނޭ،" އޭނާގެ ނަޒަރުގައި ލޯބިވެރިޔާ ދެނެގަންނާނެ ގޮތް އޭނާ ކިޔައިދެމުން ބުންޏެވެ.

ގެވެށި އަނިޔާ ލިބިގެން ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ) އަށް ހުށަހެޅި މައްސަލަތައް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވަނީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ޖުލައި މަހުން ފެށިގެންގޮސް ސެޕްޓެމްބަރު މަހާ ހަމައަށް، އަންހެނުންނަށް އަނިޔާކޮށްގެން 115 މައްސަލަ ހުށަހަޅައިފައިވެ އެވެ. ގެވެށި އަނިޔާކޮށްގެން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ހުށަހެޅި މައްސަލަތަކުގެ އަދަދަކީ 190 އެވެ. އެ ކުއާޓާގައި ވެސް އެންމެ ގިނައީ އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އޭގެ 113 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވިގޮތުގައި އަނިޔާކުރަން ފުރަތަމަ އަތް ނަގާ ދުވަހު އަދި ހުތުރުކޮށް ބަސް ބުނާ ފުރަތަމަ ދުވަހު އެ އަނިޔާއާ ދެކޮޅަށް ތެދުވާން ޖެހެ އެވެ. އެކަންކަމަށް ކެތް ކުރުމަކީ ބޭކާރު ކަމެއް ކަމަށް ނާޒު ވިދާޅުވި އެވެ. ފަހުން އޭނާ ތިމާ ދެކެލޯބިވެ, ރަނގަޅުވެދާނެކަމަށް ކެތްކޮށްގެން އުޅުމަކީ އަނިޔާކުރާ މީހާއަށް އެކަން ތަކުރާރުކުރުމަށް ދެވޭ އިތުރު ފުރުސަތެއް ކަމަށް ނާޒް ވިދާޅުވި އެވެ.

ގެވެށި އަނިޔާއިން ސަލާމަތް ވުމަށް ގާނޫނުން ވެސް ހިމާޔަތްތަކެއް ލިބެ އެވެ. އެފަދަ މައްސަލަތައް ލަސްނުކޮށް ރިޕޯޓް ކުރަން ޖެހެ އެވެ. އަނިޔާއަށް ކެތް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.