އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުން ހުރި މައްސަލައިގައި، މަނީލޯންޑަރިން ކުރުމުގެ ދައުވާއެއް އެމަނިކުފާނުގެ މައްްޗަށް ސާބިތުގެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

މާދަމާ ކްރިމިިނަލް ކޯޓަށް ތާވަލް ކޮށްފައިވާ ދެ ދައުވާގެ ތެރޭގައިވެސް މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާއެއް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:30 ހަށެވެ.

މިދެ ދައުވާގެ އަޑުއެހުމެއް މީގެ ކުރިންވެސް ކުރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ.

މިދިޔަމަހުގެ 26 ވަނަ ދުވަހު ބޭއްވި މި ދެ މައްސަލައިގެ އަޑުއެހުމުގައި، ކޯޓުން ނިންމާފައިވަނީ އެ މައްސަލައާ ގުޅޭ ބައެއް ލިޔުންތައް ރައީސް ޔާމީނަށް ލިބިދިނުމަށާއި، ރައީސް ޔާމީންގެ ވަކީލުންނާއެކު އެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް، ވަކީލުންނާ ބައްދަލު ކުރުމަށް ރައީސް ޔާމީނަށް ފުރުސަތު ދެއްވުމަށެވެ.