ދެން އަންނަ ސީޒަނެއްގައި ކުޅެން ބޭނުން ވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއް ޓީމަކަށް ކަމަށް ނޭމާ ބުނެފިއެވެ.
ޕީއެސްޖީން ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 3-1ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މެޗުގެ ތަރިއަކީ ނޭމާއެވެ. ދެ ގޯލް ޖަހައި މެޗުގައި ނޭމާ މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗަށްފަހު އޭނާ ވަނީ ނޫސްވެރިންނާ ވާހަކަ ދައްކައިފައެވެ.
" އެންމެ އުފާވާނެ، އަދި ހިތްހަމަ ޖެހޭނެ ކަމަކީ މެސީއާ އެއް ޓީމަކަށް ކުޅުން. އަހަރެން ކުޅޭ ރޯލުވެސް މެސީއަށް ކުޅެވިދާނެ. އެއް ޓީމަކަށްވެސް ކުޅެން އެ ގުރުބާނީ ވާންވެސް ތައްޔާރު. ދެން އަންނަ ސީޒަނެއްގައި އެކަން ކުރަން ބޭނުން. އެކަން ކުރަންވެސް އެބަޖެހޭ،" ބާސާ ދޫކޮށްލި ފަހުންވެސް މެސީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ނޭމާ ބުނެފައި ވެއެވެ.
ބްރެޒިލްގެ ތަރި ނޭމާ، ބާސާގައި ހޭދަކުރި ހަތަރު ސީޒަންގައި މެސީއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. 2013 ވަނަ އަހަރުން 2017 ވަނަ އަހަރު މެސީއާއި ނޭމާ ބާސާގައި އެއްކޮށް ކުޅުމަށްފަހު، ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. މެސީއާއެކު ނޭމާ ވަނީ ލަލީގާ ދެފަހަރަށް ހޯދާ ޗެމްޕިއަންސް ލީގުގެ އިތުރުން ކޮޕާ ޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.
ނޭމާ އެނބުރި ބާސާއަށް ދިޔުމުގެ ވާހަކަތަކެއް މީގެ ކުރިން ދެތިން ފަހަރެއްގެ މަތިން ފެންމަތިވެފައިވާއިރު، އެކަން ދެން ނުވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގެ ފަހުކޮޅުގައި ކަންކަން ވެފައި އޮތް ގޮތުން، މެސީ ބާސާ ދޫކޮށްލާނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.
މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން ރަސްމީކޮށް އެދިފައިވާއިރު، އެކަން ނުވީ ގާނޫނީ މައްސަލަތަކެއްގެ ސަބަބުންނެވެ. މެސީއަށް އެންމެ ބޮޑަށް ހުރަސް އެޅީ، ލަލީގާއާއި ބާސާގެ އޭރުގެ ރައީސް ޖޯސެފް ބާޓޮމިއޫއެވެ. އެހެންނަމަވެސް، މި ސީޒަންގެ ނިޔަލަށް މެސީ ބާސާއާއެކު ވެފައިވާ އެއްބަސްވުން ހަމަވުމާއެކު، އޭނާއަށް ބާސާ ދޫކޮށްލުމުގެ ފުރުސަތު ފަހިވާނެއެވެ. ބޭނުން ނަމަ، ހިލޭ ޓްރާންސްފާއެއްގައި ބާސާ ދޫކޮށް މެސީއަށް ދެވޭނެއެވެ.
މެސީ ބާސާ ދޫކޮށްލަން ވިސްނައިފިނަމަ، އޭނާ ގެންދަން އެންމެ ވަރުގަދައަށް ހިފާނެ އެއް ޓީމަކީ ނޭމާ މިހާރު ހުރި ޕީއެސްޖީއެވެ. އެއީ މެސީގެ ބޮޑު މުސާރަ ދެވޭނެ މަދު ކްލަބުތަކުގެ ތެރޭގައިވެސް ޕީއެސްޖީ ހިމެނޭތީއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު