ދައުލަތުގެ އިސް ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ.
"އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައެއް ނުވާނެ. މިދެންނެވި ފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް ސޯލިހު އިލްތިމާސްކުރައްވަވާ،" ހޫދު ވިދާޅުވިއެވެ.
ހޫދު މިގޮތަށް ވިދާޅުވެފައި މިވަނީ މާދަމާ ލ. ގަމަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅުގެ ހަރަކާތްތަކެއްގައި އެ ރަށު ހަމަދު ސްކޫލުގެ ދަރިވަރުން ބައިވެރިކޮށްދިނުމަށް އެދި ކައުންސިލުން ސްކޫލަށް ސިޓީއެއް ފޮނުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ރައީސް އޮފީހުން މިގޮތަށް އަންގަވާފައިވާ އިރު، ސަރުކާރުގެ ވެރީންނާއި އިއްޒަތްތެރީން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސްކޫލުތަކުގެ ދަރިވަރުން ނުނެރުމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީވެސް މީގެ ކުރިން ވަނީ އަންގަވައިފައެވެ.
ނަމަވެސް ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް މިދިޔަ މަހު އެ ރަށަށް ވަޑައިގެންނެވި ދައުލަތުގެ އިސް ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެފައިވެއެވެ. އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ވަނީ ސްކޫލް ކުދިން ހުށަހަޅައިދީފައެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން ބުނީ ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ދަރިވަރުން ބައިވެރިވީ ސްކޫލުގެ ފަރާތުން ނުވަތަ ސްކޫލު ތަމްސީލުވާ ގޮތަކަށް ނޫން ކަމަށެވެ.
ސަރުކާރުގެ އެކި ފެންވަރުގެ ވެރީން ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ސްކޫލު ކުދީން ނެރެ ބަނދަރު މަތީގައި ބޭތިއްބުމަކީ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޮތް މައްސަަލައެކެވެ. އެކަމަކީ އެމްޑީޕީން އަބަދުވެސް ދެކޮޅަށް ވަކާލާތު ކުރަމުން އައި ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު