ވިހި ޖޫން 2021 ވަނަ ދުވަހު ހުޅުމާލޭގައި މަރާލުމަށްފަހު ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލައިގެ ބާއްވާ މިއަދުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ 10:00 އަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ކުޑަ ކުއްޖާއަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ.

ޒިހާންގެ މައްޗަށް ކުރާ ދައުވާތައް:

    • ގަސްތުގައި މީހަކު މެރުމުގެ ދައުވާ
    • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާއެއް
    • ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއްދީގެން އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
    • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރިކަމުގެ ދައުވާ
    • ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
    • މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާ
    • ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރިކަމުގެ ދައުވާ

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނީ، ޒިހާންއާ ދެކޮޅަށް ޝަފަހީ 79 ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިޔަކުވެސް ހިމެނެއެވެ. އޭގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް މީގެ ކުރިން ވަނީ ނަގައިފައެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ 2021 ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.