ކަރަންޓީނު ވާން ޖެހޭ މުއްދަތު 10 ދުވަހަށް ކުރު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިކަން ރަސްމީކޮށް އަންގާފައިވަނީ މިއަދު އާންމު ކުރި އިއުލާނެއްގައެވެ.

އެގޮތުން ހަތަރެއް ޑިސެމްބަރު ވާ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން، މާލެއިން އަތޮޅު ތަކަށް ދާ މީހުން، ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރާ މީހުން އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ޖެހޭނީ 10 ދުވަހަށް ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ. އަދި މި މުއްދަތަށްފަހު މި މީހުން ކަރަންޓީނުން ދޫކޮށްލާނީ ޕީސީއާރު ނެގަޓިވް ނަތީޖާއާއެކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އެޅުމާއެކު ތިން ފޫޓޫގެ ގައިދުރުމިން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އެޗްޕީއެއިން ބުނެއެވެ. އަދި ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް މާލެއިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނަށް 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ނަތީޖާއާކާ އެކު ދަތުރު ކުރެވޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަޖައްސާނީ ހުކުރު ދުވަހުން ފެށިގެން ދަތުރު ކުރާ މީހުންނަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ތާރީހުގެ ކުރިން އެކި ތަންތަނަށް ދަތުރުކޮށް، ކަރަންޓީނު ވެފައިވާ މީހުން ކުރިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތަކީ ހަމައެކަނި ދަތުރު ކުރުމާއި ގުޅިގެން ކަރަންޓީނު ވުމަށް ކަނޑައަޅާފައިވާ މުއްދަތެއް ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނާއި އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކުރިއަށް އޮތްތާގައިވެސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ނެރެފައިވާ މި ގައިޑްލައިނުތަކަށް އަމަލު ކުރުމަށާއި، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅުތަކަށް އަމަލުކުރަމުންދާކަން ބެލުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.