ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނެރުނީ، ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސަރުން ގާނޫނުގެ ޒަރީއާއިން ވަކިކުރާގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެކަމަށް ވިދާޅުވުމުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ޒުވާބުކުރަން ފެށުމުން ކަމަށް ޝަރީފް ވިދާޅުވެއްްޖެއެވެ.

މެންބަރު ޝަރީފް މަޖިލިސް ޖަލްސާއިން ނެރުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސަރުން ގާނޫނުގެ ޒަރީއާއިން ވަކިކުރާގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެކަމަށް ބުނުމުން އިއްޒަތްތެރި މެންބަރު ދޮންބިލެތް އަހުމަދު އަޅުގަނޑާ ޒުވާބުކުރަން ފެށުމުން ނަން އިއްވައި މަޖިލީހުން މި ނެރުނީ އަޅުގަނޑު،" ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ، ބަދަލު ހިފުމަށް ތާ އަބަދު މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަން އިއްވައި މަޖިލީހުން ބޭރުކުރިނަމަވެސް ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކުރުމަށް (ސިޔާސީ ކުރުމަށް) ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަން އިއްވައި މަޖިލީހުން ބޭރުކުރިކަމަށްވިޔަސް ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސަރުން ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދު ނުކުރާނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަޖިލިސް ޖަލްސާއިން ޝަރީފް ނެރުއްވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ އެކަމަކީ ދެ މެންބަރެއްގެ ދެމެދުގައި ބަޣާވާތާ ބެހޭގޮތުން ހިޔާލު އުފެދި ވަރަށްބޮޑަށް ޖޯޝު އުފެދިގެންދިޔަ ކަމެއް ކަމަށެވެ.

"އެއްފަހަރާ ދެ މެންބަރެއްގެ ނަން ނީއްވޭ، އެއް ނަން އިއްވެނީ ފަހަރަކު މެންބަރެއްގެ، އެއް މެންބަރުގެ ނަން އިއްވާ ހިނދުކޮޅެއް ވީއިރު ދެވަނަ މެންބަރު ފެންނާކަށް ނެތް، އެހެންވެ މިހާރު މިއޮތީ ނިޒާމު ގާއިމް ވެފައި،" ދެވަނަ މެންބަރުގެ ނަން ވިދާޅު ނުވެ މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް ތެރޭގައި އެގޮތަށް ހިލާފު އުފެދެނީ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވެސް ހައްސާސް ކަންކަން މަޖިލީހުގައި ބަހުސް ކުރެވެމުންދާއިރު ކަމަށެވެ.

"މި ބަހުސްކުރެވޭ ކަންކަމަަށް ގޮތްތައް ނިންމެމުންމިދާ ކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމައަށް އަސަރުކޮށްގެންދާނެ ކަންކަން، ވަރަށްގިނަ ކަންކަމަކީ މާޒީގެ ފަތްފުށުގައި އެތައްބައެއްގެ ހިތާމަވެރި ހަޔާތާ ގުޅިފައި ހުރި ކަންކަން، ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުދާސްތު ވެފައިވާކަންކަން، އެހެންވީމާ މިތަނުގެ ތެރޭގައިވެސް އޭގެ ޖޯޝާއި އޭގެ ރޫހު އެގޮތަށް ފެނިގެން އެދަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާރު މަޖިލީހުގެ ކޮމިޓީގައި ފުހުންގެ ބިލަށް އިސްލާހު ގެނެސް ނިމެމުންދާއިރު، އެބިލަށް އެމަނިކުފާނުގެ ބަހެއް ހޯއްދަވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއްޔެގެ ޖަލްސާގައިވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

އެނެމް ފަހުން ރޭ ކުރެއްވި ޓުވީޓެއްގައި މަޖިލިސް ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަން ވެއްޓިގެންދިޔަ ދުވަސް ކަމަށްވާ ފެބްރުއަރީ ހަތެއް، 2012 ގައި ފުލުހުން ނުކުމެ ހިންގި ބަޣާވާތަކީ ނުހިނގާ ކަމެއް ކަމަށް ދެކިގެން ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަކީ ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މިހާތަނަށް ކުރި އެއްވެސް ތަހުގީގެއްގައި އެ ދުވަހު ވެރިކަން ވެއްޓިގެން ދިޔައީ ބަޣާވާތަކުންކަން ކަނޑައަޅާފައި ނުވި ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ އެދުވަހު ފުލުހުން ހިންގީ ބަޣާވާތެއް ކަމަށެވެ.

އެއަށްފަހު ބާރު ލިބިވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ސިޔާސީ ފަރާތްތަކުން އެދުވަހުގެ ހާދިސާއާ ގުޅިގެން ފުލުހުން މައާފަށް އެދުމަށް ގޮވާލަމުން ދެއެވެ.

ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ، އެމަނިކުފާނާ ދެކޮޅަށް ބަޔަކު ނިކުތުމުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.