ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން މަޝްވަރާކޮށްފި އެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ބޭއްވި ބައްދަލުވުމުގައި ކަރަންޓީންގެ މުއްދަތު ދިހަ ދުވަހަށް ކުރުކުރުމަށް ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެ ބަދަލު ގެންނަން ނިންމާފައި ވަނީ ކޮން ދުވަހަކުން ފެށިގެން ކަމެއް އަދި ނޭނގެ އެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު ވިދާޅުވީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށާއި ކަރަންޓީންގެ މުއްދަތު ކުރުކުރާ ނަމަ ސްޓޭޓުމަންޓަކުން އެކަން އާއްމު ކުރާނެ ކަމަށެވެ.
ރައީސް އޮފީހުގެ ސީނިއާ އޮފިޝަލަކު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓީންގެ މުއްދަތު ކުރުކުރުމުގެ މަޝްވަރާތަކެއް މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި މިރޭގެ ވަގުތެއްގައި ކަރަންޓީންގެ މުއްދަތު ކުރުކުރާކަން ނުވަތަ ނޫންކަން ރަސްމީކޮށް އެނގިގެން ދާނެ ކަމަށެވެ.
ކަރަންޓީންގެ ދިހަ ދުވަހަށް ކުރުކޮށްފައިވާ ކަމަށް އަޑުފެތުރުނީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އެ ޓުވީޓުގައި އޭނާ ވަނީ ކަރަންޓީންގެ މުއްދަތު ދިހަ ދުވަހަށް ކުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ރައީސް ސޯލިހު ޓެގް ކުރައްވައި ކާނި އަބްދުﷲ ކުރެއްވި ޓުވީޓް، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރި-ޓުވީޓް ވެސް ކުރައްވާފައިވެ އެވެ.
ކަރަންޓީންގެ މުއްދަތު ކުރުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭސަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑް ކޮންޓްރޯލްކުރުމަށް 14 ދުވަހުގެ ކަރަންޓީނަކީ އެންމެ ފުރިހަމަ މުއްދަތު ކަމަށާއި އެ މުއްދަތު ކުޑަކޮށްފިނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީނުގެ މުއްދަތު ކުރު ކުރިނަމަވެސް އެކަން ތަންފީޒުކުރާ ގިންތި ތަކެއް ހުންނާނެ އެވެ. އެ ގޮތުން ކޮވިޑް ކޮންޓެންޓުން ފުރިހަމަ ކުރަން ޖެހޭ ކަރަންޓީނު ފަދަ ބައެއް ކަންކަން މީގެން އިސްތިސްނާ ކުރާނެ އެވެ. އަދި ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރާ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19