އެމްއެންޑީއެފް

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓައި މާލެ ގެންނަނީ

މަރިޔަމް ޝަހުދާ

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައީ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އިއްޔެ 11:45 ހާއިރު އެމްއެންޑީއެފަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެގޮތުން މި ރިޕޯޓާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓުން ވަނީ އެ މަސްބޯޓު އޮތް ސަރަހައްދު ދެނެގަނެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައި މި މަސްބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި ބޯޓު މާލެ ދަތުރު ކުރަމުން އަންނަ ކަމަށާއި، މި ބޯޓަށް މާލެއަށް އާދެވޭނެ ކަމަށް ލަފާ ކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެވުނު މަސްބޯޯޓު ފެނިގެން އެކަން ކޯސްޓްގާޑަށް ރިޕޯޓު ކުރި "އަސުރުމާ 03"ގެ ކެޕްޓަނަށާއި ފަޅުވެރިންގެ ފަރާތުން އެމްއެންޑީއެފަށް ދިން އެއްބާރުލުމަށް އެމްއެންޑީއެފުން ޝުކުރު އަދާކުރިއެވެ.