ޒިންމާދާރު އަދި ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ "ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމް" ނުވަތަ ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސާވިސް ކޯގެ ސްކޫލު އޮފް އިންޖީނިއަރިން އެންޑް ލޮޖިސްޓިކްސްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހިމް ހިލްމީއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ އަދި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒުވާނުންތަކެއް ބިނާކުރުމަށް ފެށި ޕްރޮގްރާމެކެވެ.

އެމްއެންޑީއެފުން މިއަދު ބުނީ 16 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 12 އަންހެން ބައިވެރިންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް އުނގަންނައިދޭނެ ފަންނީ ދާއިރާތަކުގެ ތެރޭގައި އޮޓޯ މޯބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިން އަދި މެޓަލް ފެބްރިކޭޝަންގެ އިތުރުން އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތައް ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ކިޔަވައިދެއްވާނީ އެކި ފަންނީ ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ ފަންނީ އިންސްޓްރަކްޓަރުންނެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.