ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުންފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އިންތިގާލީ އިންސާފުގެ ބިލު" މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިނގާފައިވާ ކަންތައްތައް ބެލުމަށް އަމާޒު ކޮށްގެންނެވެ.

އޭރު ބިލު އެންމެ ބޮޑަށް އަމާޒު ކޮށްފައި އޮތީ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ކަނޑައަޅައި އެކަމުގައި އިންސާފު ހޯދައިދޭ ފަދަ ގޮތަކަށެވެ.

ނަމަވެސް މި ބިލު މަޖިލީހަށް ބަލައިގަނެ، ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، އާއްމު ފަރާތްތަކުން ހުށަހެޅު ހިޔާލުތަކާއި ކޮމެންޓްތަކަށް ބަލައި، ކުރީގައި އޮތް ތާރީހު ބަދަލުކޮށް، ފުރަތަމަ ޖުމްހޫރއިްޔާއިން ފެށިގެން މައްސަލަތައް ބަލާގޮތަށް ބިލުގެ ތާރީހު ބަދަލު ކުރީއެވެ.

މި ބިލުގައި ވާ މައްސަލަތައް ބަލައި، އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދިއިދިނުމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު، އޮންބަޑްސް ޕާސަންގެ އޮފީހެއް އުފައްދައި އެ އޮފީހަށް ވަނީ ދީފައެވެ.

ބިލުގައިވާގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހުން މައްސަލަތައް ބަލައި ނިންމަން ޖެހެއެވެ.

މި އޮފީހަކީ ތިން އޮންބަޑްސް ޕާސަންގެ މައްޗަށް އެކުލެވޭ އޮފީހެކެވެ. އޮންބަޑްސް ޕާސަން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު މި ބިލުން ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މި ބިލުގައި، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ނަގައިދޭނެ ގޮތްތަކާއި، އޮންބަޑްސް ޕާސަންގެ އޮފީހުން ބޭރުން މައްސަލަ ހައްލު ކުރާނެ ގޮތްތައްވެސް ހިމަނާފައި ވެއެވެ. އަދި އަނިޔާ ލިބުނު ފަރާތާއި އަނިޔާވެރިވި ފަރާތް ސުލްހަވެރި ކުރުމަށްވެސް ބިލުގައި ވަރަށްބޮޑަށް ބާރު އަޅާފައިވެއެވެ.