މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބުރިޖު މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަޝްރޫއެއް ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަލީ ލޯންޑާކުރުމުގެ ކުށުގައި ރައީސް ޔާމީން ޖަލަށް ލާފައި ހުންނަތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ދިރާސާ ފެށީ 2016 ވަނަ އަހަރު ކަމަށެވެ. އަދި މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަނީ 2017 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުން އެކުލަވާލާފައިވާ ބްލޫ ޕްރިންޓުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން މާލެ އާއި ހުޅުލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖާ ހިލާފަށް، މި ސަރުކާރުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ރައްޔިތުންގެ ބޮލުގައި އެތައް ދަރަންޏެއް އެޅޭ ގޮތަށް ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ހަރަދު ކުރަން ހަމަޖެހިފައިވާ ފުރިހަމަ އަދަދު މިހާތަނަށް ވެސް ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑު ދަރަންޏެއް ކަމަށް މި ސަރުކާރުން ބުނާއިރު އެ ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ހަރަދުކުރި 200 މިލިއަން ޑޮލަރުގެ ތެރެއިން 130 މިލިއަނެއްހާ ޑޮލަރަކީ ހިލޭ އެހީ ކަމަށެވެ. އެހެންކަމުން ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ އެންމެ 70 މިލިއަނެއްހާ ޑޮލަރު ކަމަށާއި އެއީވެސް 20 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ކުޑަ އިންޓަރެސްޓެއްގައި ދޭންޖެހޭ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ކޮރަޕްޝަން ހިންގުމަށްޓަކައި، ތިލަމާލެ ބްރިޖަށް އިންޑިއާ އިން ހަރަދުކުރާވަރު ރައްޔިތުންނަށް ހާމަކޮށްދީފައިނުވާއިރު ބްރިޖު އެޅުމުގެ މަސައްކަތް މި ސަރުކާރަށް ފެށިފައި ނުވަނީ ނާގާބިލު ކަމާއި ސަރުކާރުގެ ކޮރަޕްޝަން ބޮޑުކަމުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު