ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންނާބެހޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއީން އާއްމުކޮށް ފުރުސަތު ހުޅުވާލައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އިއްޔެ ވަނީ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފައެވެ.

އޭގެ ތެރެއިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކޮށްދެއްވައި ފޮނުއްވައިދެއްވުމަށް އެދިވަޑައިގެން ރައީސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހަށް ފޮނުއްވި ނަންތަކަކީ، އެ މަގާމަށް ކުރިމަތި ލުމަށް އާއްމުކޮށް ހުޅުވައިލެއްވުމުން އިޖާބަ ދިން މީހުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

    • އަހްމަދު ޝަފްނީޒް ބަކީޗާގެ ސ. ހުޅުދޫ
    • އަހުމަދު މައުސޫމް ވ. މިއަރެސް
    • މަރިޔަމް ޖައިދާ ކަނދުގަސްދޮށުގެ ކ. ދިއްފުށި

އެހެންކަމުން މި ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހަޅުއްވައި، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކު އަންގަވައިދެއްވުމަށްވެސް މި ސިޓީގައި ރައީސް އެދިވަޑައިގެންފައިވެއެވެ.

މި ސިޓީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއަށް ހުށަހެޅުމުން، ރައީސް ފޮނުއްވި ތިން ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވިއެވެ.

އެ ކޮމެޓީން ވަނީ އެ ތިން ބެފުޅުންނާބެހޭ ގޮތުން އާއްމުގެ ޝަކުވާއެއް އޮތްނަމަ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ފާސްކޮށްފައެވެ.

ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެކަމަށް އާއްމުކޮށް ހުޅުވާލައިފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެބޭފުޅުންނާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 11 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މެއިލް ކުރުމަށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.