މިނިސްޓްރީތަކުން ހިންގަމުން އަންނަ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ސިލްސިލާ "އަހާ" ފޯރަމްގެ ނުވަ ވަނަ ބައްދަލުވުން، އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ މި ފޯރަމަކީ، ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ތަފްސީލުކޮށްދީ، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ސުވާލުތަކަށް ސީދާ މިނިސްޓަރުންގެ ފަރާތުން ޖަވާބު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މިފަހަރުގެ އަހާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.

އާދިއްތަ ދުވަހުގެ ރޭ 09:00 ގައި ފަށާ މި ފޯރަމް ދެ ގަޑިއިރަށް ކުރިއަށްދާ އިރު، ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެ ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއާ އެޕްލިކޭޝަނާއި، ފޭސްބުކް އަދި އެކްސް މެދުވެރިކޮށްވެސް އޮންލައިންކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.

މި ސިލްސިލާ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.