ބައިނަލްއަގްވާމީ ފެންވަރުގައި ކޮމްޕިއުޓަރު ޕްރަގްރާމިން އަށް އަހުލުވެރި ކުރުވާ ޕްރޮގްރާމް، "އަވާ އޮފް ކޯޑް" ރާއްޖޭގެ ބައެއް ރަށްރަށުގައި އެއް ވަގުތެއްްގައި ބާއްވަން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު ހަތަކުން 13 އަށް ފާހަގަކުރާ ބައިނަލްއަގުވާމީ ކޮމްޕިއުޓާ ސައިންސް ހަފްތާގެ ތެރެއިން ކުރިއަށް ގެންދާ "އަވާ އޮފް ކޯޑް" އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ އުމުރު ފުރަޔަކަށް ހުޅުވާލައިގެން 180 އަށްވުރެ ގިނަ ގައުމުގައި އެތައް މިލިއަން ދަރިވަރުން އެއްގަޑި އިރަށް ކޮމްޕިއުޓަރު ޕްރަގްރާމިން އަށް އަހުލުވެރި ކުރުވާ ޕްރޮގްރާމް އެކެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އާއި ސްޓެމް ސްޕޭސް އިން އިންތިޒާމުކުރާ "އަަވާ އޮފް ކޯޑް މޯލްޑިވްސް" ބާއްވަން ހަމަޖައްސާފައިވަނީ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މިޕްރޮގްރާމްގެ ޕްރީމިއާ ޕާޓްނަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް، ދިރާގު އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެވެ.
ޑރ. އިބްރާހިމް ލަތީފު އުފައްދައި ހިންގާ ސްޓެމް ސްޕޭސްއަކީ ސްކޫލް އުމުރުފުރައިގެ ކުދިންނަށް ޑިޖިޓަލް ޓެކްނޮލޮޖީ އަދި ސްޓެމް އެޑިއުކޭޝަން ފުރުސަތު ހޯދައިދޭ ޕްރޮގްރާމެކެވެ. ވިމެން އިން ޓެކަކީ ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާއަށް އަންހެނުން ހޭލުންތެރިކުރުވައި ހިތްވަރުދީ ކުރިއެރުވުމަށް ހުރި ފުރުސަތުތައް ހޯދައިދީ މުޖުތަމައު ބިނާކުރުމަށް އާ އުފެދުންތައް ފަހި ކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
"އަަވާ އޮފް ކޯޑް މޯލްޑިވްސް"ގެ ރަޖިސްޓްރޭޝަން މިހާރު ވަނީ https://hourofcodemv.com ވެބްސައިޓް ގައި ހުޅުވާލައިފަ އެވެ. މިހާތަނަށް އެ ޕްރޮގްރާމްގައި ރާއްޖޭގެ 61 ރަށަކުން 600 އަށްވުރެ ގިނަ ބައިވެރިން ވަނީ ރަޖިސްޓާވެފަ އެވެ. ރެޖިސްޓްރޭޝަން އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ އެއް ވަނަ ދުވަހެވެ. މި ޕްރޮގްރާމްގައި ހުރިހާ އުމުރުފުރާއެއްގެ ދަރިވަރުންނަށް ވެސް ބައިވެރި ވެވޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު