އިތުރަށް ބަލި ފެތުރިގެންދާ ނަމަ، ކޮވިޑް ވެކްސިން ދިނުމަށް ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުނުވި ނަމަވެސް އަލާމާތްތައް ހުންނަ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް މީހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެންވެސް ކަމޭހިތައި އެއާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ފުލޫ ކްލިނިކަށް ދެއްކުން މުހިންމު ކަމަށާއި ކޮވިޑްގެ އިތުރު އައުޓްބްރޭކެއް އަތުވެއްޖެ ނަމަ ކޮވިޑާ ގުޅުން ނެތް އެހެން ސިއްހީ ހިދުމަތްތައް ދިނުމަށްވެސް ބުރޫ އަރާނެ ކަމަށް ވިދާޅުވިއެވެ.

"ކޮވިޑްގެ އިތުރު އައުޓްބްރޭކެއް އަތުވެއްޖަނަމަ ނަން-ކޮވިޑް އެ ދޭ ހިދުމަތްތަކަށްވެސް އަސަރު ކުރާނެ. ވެކްސިނެއްވެސް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅުގައި ލިބޭނެ ކަމަށް އުންމީދު ކުރަނީ. އެހެންކަމުން މި ދުވަސްވަރު އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ ވެކްސިން ރޯލްއައުޓް ކުރަންވެސް. އެހެންކަމުން އިތުރު އައުޓްބްރޭކެއް އަތުވެއްޖެނަމަ އަޅުގަނޑުމެންނަށް އުނދަގޫވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރެގައި ކޮވިޑްގެ ވެކްސިން ރާއްޖެއަށް ލިބެން ފަށާނެ ކަމަށް އުންމީދުކުރައްވާނެ ކަމަށެވެ.

"ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް. އެކި މިންވަރަށް. އެހެންކަމުން އެ ލިބެމުން އަންނަ މިންވަރަކުން އަޅުގަނޑުމެން ޖަހަމުން ގެންދާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ކުރެމުން އަންނަ މަސައްކަތަކީ ވެކްސިނެއް ލިބެންވާއިރަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ނޭޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކަމަށް އެކުލަވާލައި، އެ ކޮމިޓީގެ ބެލުމުގެ ދަށުން ބައެއް ކަންކަން މިހާރުވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.