އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން މިއަދު ފުލުހަށް ހާޒިރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސްވުމާ ދިމާކޮށް މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމާފައިވާތީ ކަމަށާއި ނަމަވެސް އެ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އަންނަ ހޮނިހިރު ދުވަހަކީ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އަހަރެއްވާ ދުވަހެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ހަރަކާތެއް ރާވައިފިނަމަ ފުލުހުންނަށް ވަރަށް އުނދަގޫވާ ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނަށް އަންގަވާފައި އޮންނަ ކަމަށެވެ.

"ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ވިއްޔާ ކުރާކަމެއް ކުރަން. އެއްވެ އުޅުމަކީ ގާނޫނުން ޖާގަދޭ ކަމެއް ނޫން ކަމަށް. ހާއްސަކޮށް ކޮވިޑްގެ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތްތަކެއް އެބަހުރި ކަމަށް. އެޗްޕީއޭގެ ގައިޑް ލައިން ރަނގަޅަށް ފޮލޯ ކުރަން އިލްތިމާސް ކުރެއްވި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މި ސަރުކާރުގެ ކަންކަން ރައްޔިތުންނާ ހަމައަށް ތިލަކުރަމުން ގެންދާތީވެ، އަޑު ކަނޑާލުމުގެ ގޮތުން ފުލުހުން ބޭނުން ކުރަމުންދާ ކަމަށެވެ.

"28 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތަކީ އަޅުގަނޑުމެން ކަނޑުމަތީގައި ހިންގާނެ ހަރަކާތެއް. އެހެން ނަމަވެސް އަތޮޅުތެރޭގެ އެކި ރަށްރަށުގައި 185 ރަށެއްގައި ހިންގާ އެކި ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާ،" ޝިޔާމް ވިދާޅުވިއެވެ.

މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މިއީ ގައުމީ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުމަށް ޝިޔާމް އެދިވަޑައިގެންނެވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ހަރަކާތްތައް ކުރިއަށް ގެންދާނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ކޮވިޑާ ގުޅިގެން މިހާރު ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

ހޮނިހިރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާއަކީ "އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ކުރިއަށްގެންދާ މުޒާހަރާއެކެވެ. އަދި އެ ދުވަހު ފެށޭ މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.