ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ. އެ ބިލް ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ އަންނަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހެވެ.
މީގެ އިތުރުން އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ. ނަމަވެސް އީސީން އަންނަނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތައްޔާރީތައް ވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އިންތިހާބުގެ މަސައްކަތް ފެށުމަށްފަހު ވަކި ތާރީހުތަކެއްގައި ކުރަން ލާޒިމު ކަންކަން ހުންނަ ކަމަށާއި އެގޮތުން ވޯޓާސްލިސްޓް އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން އިއުލާން ކުރަންޖެހޭ ކަމަށެވެ. ތިނެއް ޖެނުއަރީގައި ވޯޓާސް ރެޖިސްޓްރީ އާއި ޝަކުވާ ހުށަހަޅަން ހުޅުވައިލަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގެ ކަންކަން ލަސްވެއްޖެނަމަ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހިދާނެ ކަމަށާއި އެކަން ނުވާނެ ގޮތަކަށް މިހާރުވެސް ކަންކަން ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އިންތިހާބު ބާއްވާތާ 14 ދުވަސް ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އެއީ މާޗް މަހުގެ 20 ވަނަ ދުވަހެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްވެސް 90 ދުވަސް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަންކަން ކުރެވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު ގާނޫނުގައިވާ މުއްދަތަކަށާއި ހުރިހާ ކަމަށް ބަލާއިރު 15 ޑިސެމްބަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާނު ނުކުރިކަމުގައިވިޔަސް އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާނު ކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.
ޑިސެމްބަރު 15ގެ ކުރިން އެޗްޕީއޭ އިން ހުއްދަ ދީގެން ނޫނީ ހައެއް މާޗްގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެއް އަހަރު ތެރޭގައި އަލަށް 18 އަހަރު ފުރޭ 5000 އަށްވުރެ ގިނަ ފަރާތް ހިމެނޭ ކަމަށާއި އެފަރާތްތަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ހާއްސަ ގާނޫނުގައިވާ ގޮތުން އެފަރާތްތަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިނުލެވޭނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިހާރު ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން 86 ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު ފޯމްތައްވެސް އެބަހުރި ކަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު