ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔުވެންޓަސްއިން ކުޅުނު މެޗުގައި ގޯލް ޖަހައި ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީގެ މުހިއްމު ރެކޯޑަކާ އަރައި ހަމަކުރި އިރު، ބާސާއިން ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
ބާސާއިން ރޭ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި މެސީ ހިމަނާފައިނުވާ އިރު، އެޓީމުން މެސީއާ ނުލައި ކުޅުނު މެޗު ކާމިޔާބުކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލީގުގައި ދަށް ފޯމެއްގައި ފެނިގެންދާ ބާސާއަށް ރޭގެ މެޗު މުހިއްމުވެފައި އޮތީ ޓީމުގެ ފޯމް ރަނގަޅު ކުރުމަށް ކަމަށްވާ އިރު، ބޮޑު ނަތީޖާއަކުން މޮޅުވެވުމަކީ ލިބޭނެ ހިތްހަމަޖެހުމެކެވެ.
ރޭގެ މެޗުގައި ބާސާގެ ފޯވަޑް މާޓިން ބްރައިތުވެއިޓްގެ ދެ ގޯލު ފެނިގެންދިޔަ އިރު، އޭނާގެ އިތުރުން ގޯލުތައް ޖެހީ މިސީޒަނަށް އަލަށް ކްލަބާ ގުޅުނު އެމެރިކާގެ ޑިފެންޑަރު ސާޖީނޯ ޑެސްޓާއި އެންޓޮއިން ގްރީޒްމަންއެވެ.
މެސީއާއި ކްލަބާ ސީޒަން ފެށުމުގެ ކުރިން ޖެހުނު މައްސަލަތަކުގެ އަސަރު އަދިވެސް މެސީގެ ކުޅުމުން ފެންނަ އިރު، ބެލެވޭ ގޮތުގައި ރޭގެ މެޗުގައި މެސީއަށް ފުރުސަތު ނުދިނީ ރެސްޓް ކުރުވުމުގެ ގޮތުންނެވެ.
ޔުވެންޓަސްއިން ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި ފެރެންކްވަރޮސްއާ ދެކޮޅަށް ކުޅެ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސް ކޮޅަށް މެޗުގެ ކުރީކޮޅުގައި މައިޓްރޯ އުޒުނީ ގޯލް ޖަހައި، ރޮނާލްޑޯގެ ސެލެބްރޭޝަނާއެކު އުފާފާޅުކުރި އިރު، އެ ގޯލަށް ދިހަ ވަރަކަށް މިނެޓުވީ އިރަށް ރޮނާލްޑޯ ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލަކީ ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތަކުގައި ރޮނާލްޑޯ ޖެހި 70 ވަނަ ގޯލެވެ. އެ ރެކޯޑަކީ މެސީ އަތުގައި އޮތް ރެކޯޑެކެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ މެސީގެ ރެކޯޑާ ހަމަކޮށްފައެވެ.
މިދިޔަ ހަފުތާ ލީގުގައި ރޮނާލްޑޯ ކުޅުނު މެޗުގައި ދެ ގޯލު ޖަހައި، ޔުވެންޓަސް މޮޅުކޮށްދީފައިވާ އިރު، އެ މެޗަށްފަހު ކޯޗު އަންދްރޭ ޕިރްލޯ ބުނެފައި ވަނީ ރޮނާލްޑޯއަކީ އެހެން ކުޅުންތެރިންނަށް ހުރި މިސާލެއް ކަމަށެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލަކީ އޭނާގެ ކެރިއަރުގައި ޖެހި 749 ގޯލެވެ.
ގްރޫޕް ޖީގައި ބާސާއިން ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ޔުވެންޓަސް ދެވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު