ގެސްޓްހައުސް ގައިޑްލައިން އޮތީ ރަނގަޅަށް ކަމަށާއި އެކަމުގައި އުޅެނީ ތަންފީޒުކުރުމުގެ މައްސަލައެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ގެސްޓްހައުސް ގައިޑްލައިން ހަދާފައިވަނީ އެންމެ ފުރިހަަމައަށް ކަމަށެވެ. ނަމަވެސް ކިތަންމެ މޮޅަށް ގައިޑްލައިނެއް ހެދި ނަމަވެސް އެ ގައިޑްލައިންގައިވާ ކަންކަން ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމަށާއި ތަންފީޒީ އިދާރާތަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ގައިޑްލައިން އޮތީ ހަމަ ރަނގަޅަށް. ގައިޑްލައިންގައި އޮތް ގޮތަށް އަމަލުކުރަން މިޖެހެނީ އެންމެންވެސް. ގައިޑްލައިން ތައްޔާރުކުރިއިރުގައި އެއާއެކުގައި މޮނީޓަރިންގެ ރޯލެއް އެބަ އޮވޭ ރަށުގެ ކައުންސިލަށް އަދި ރަށުގެ ޓާސްކް ފޯސްއަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ގެސްޓްހައުސް ގައިޑްލައިނާ އެއްގޮތަށް ފަތުރުވެރިން އަމަލުކުރޭތޯ ގެސްޓްހައުސްތަކުން ވެސް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ގެސްޓްހައުސް ގައިޑްލައިނަށް އަހުލުވެރިކުރުމަށް ގެސްޓްހައުސްތަކާ އެކުގައިވެސް އަދި ސިއްހީ ދާއިރާގެ ބޭފުޅުންނާއެކުގައިވެސް ބައްދަލުވުންތަކެއް ބޭއްވިގެންދިޔަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެފަދަ އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 102 ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ މިހާތަނަށް ވަނީ ދީފައެވެ. ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދިން ބައެއް ރަށްރަށުން ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން ފަތުރުވެރިޔަކު ޕޮޒިޓިވްވެ، ރަށު ފަތުރުވެރިކަމުގެ މައި ހަބު ކަމުގައިވާ މާފުށި މިހާރުވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.