ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ މާސް އިންސްޕެކްޝަނުގައި ބައެއް ޓެކްސީ ޑްރައިވަރުން ގައިޑްލައިނާ ހިލާފުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެޗްޕީއޭއިން ކޮވިޑާ ގުޅިގެން އެކުލަވާލައިފައިވާ ގައިޑްލައިންތަކަށް އަމަލުކުރޭތޯ ބެލުމަށް އެޗްޕީއޭ އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ ތެރެއިން އެންމެ ފަހުން އިންސްޕެކްޓް ކޮށްފައިވަނީ އާއްމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި ޓެކްސީތައް ކަމަށެވެ.
އެތަކެތި އިންސްޕެކްޓްކުރި އިރު ގައިޑްލައިނާ ހިލާފު ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި ހާއްސަކޮށް ބައެއް ޓެކްސީތަކުން ގައިޑްލައިނާ ހިލާފު ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ގައިޑްލައިން އޮންނަ ގޮތުން ވިއްޔާ ޕެސެންޖާ ސީޓާއި ޑްރައިވާ ސީޓާ ދެމެދު ޕާޓިޝަނެއް އެބަ ހުންނަން ޖެހޭ. ޕެސެންޖަރުން ތިބެން ޖެހޭނީ ފަހަތު ޝީޓުގައި. ކުރީގައި ތިބެގެން ނުވާނެ. އެހެންނަމަވެސް މިއާ ހިލާފަށް އެއްވެސް ޕާޓިޝަނެއް ނެތި، ކުރިން ޕާޓިޝަން ހަރުކޮށްފައިވާ ފަރާތްތަކުންވެސް ޕާޓިޝަން ނައްޓާލައިފައިވާކަން ފާހަގަ މިކުރެވެނީ. އަދި ދުއްވާއިރުގައި ފަހަތުގެ ކުޑަދޮރުތައްވެސް ނުހުޅުވާކަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ފަރާތްތަކާ އިންސްޕެކްޝަން ޓީމުން ވާހަކަދެއްކުމުން، އެފަދައިން އަމަލުކުރަނީ ކޮވިޑްގެ ކޭސްތައް މާލޭ ސަރަހައްދުގައި މިހާރު މަދުވެފައިވާތީ ކަމަށް ބުނެފައިވާ ކަމަށެވެ.
އެޗްޕީއޭއިން މީގެ ކުރިން ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސަރުކާރާއި އަމިއްލަ އޮފީސްތައްވެސް އިންސްޕެކްޓްކޮށް ބައެއް ތަންތަނާ މެދު ފިޔަވަޅު އަޅައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު