އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ އިސް މެންބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައަކާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނެ އެ ކޮމިޝަނުގެ މެންބަރަކާ ހަވާލާދެއްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފައިވާ ކަމަށް ފަތުރާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އޭސީސީގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކުރަމްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބެލުމަށްފަހު އޭނާ މަގާމުން ވަކި ކުރަން އެ ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. އެކަމާގުޅިގެން ހަމަ އެދުވަހު އަކުރަމް ވަނީ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އަކުރަމްގެ މައްސަލަ ބަލައި އޭނާ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ، ސިއްރު ބައްދަލުވުމެއްގަ އެވެ.
ނަމަވެސް އީސީގެ ކުރީގެ އިސް މެންބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރަކާ ހަވާލާދީ، ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރައިފައެވެ.
މިހާރު ނޫހުގައި އެކަމާ ބެހޭގޮތުން ލިޔެފައިވާ ހަބަރުގައި އެ މައުލޫމާތު ދެއްވި ކޮމެޓީ މެންބަރުންގެ ނަން ހާމަކޮށްފައެއް ނުވެއެެވެ. މިހާރު ނޫހުގެ އެ ހަބަރާ އެކު ކުރެއްވި ޓުވީޓެއްގައި، އިސީގެ ރައީސް ޝަރީފް ވިދާޅުވީ، ހަގީގަތާއި ހިލާފު ވާހަކަ ފަތުރައިގެން، އޭސީގެ އަޑޫ ވައްޓާލަން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ސިއްރު ކޮށްގެން ބޭއްވި ކޮމިޓީއެއްގައި ދެއްކުނު ވާހަކައެއް ކޮމިޓީގެ ނަމުގައި މެންބަރަކަށް ދެއްކިދާނެތޯ ވެސް، ޝަރީފް ސުވާލު އުފައްދަވައިފައި ވެއެވެ.
"ސިއްރު ކޮށްގެން ބޭއްވި ކޮމިޓީއެއްގައި ދެއްކުނު ވާހަކައެއް، އެއީ ހަގީގަތަކަށް ހަދައިގެން އެ ކޮމިޓީގެ މެންބަރަކަށް ކޮމެޓީގެ ނަމުގައި ވާހަކަ ދެއްކިދާނެބާ،" ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް