ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދޭ މީހުންގެ އަދަދު 73 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑުގެ ބަލި މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"މިގޮތުން ޑީއެޗް 11ގެ އައިސީޔޫގައި މިވަގުތު ބަލި މީހަކަށް ފަރުވާދެވެމުން އެބަދޭ. ޑީއެޗް 16ގައި ވެސް މިވަގުތު ވޯޑުގައި މީހަކު އެޑްމިޓްކުރެވިފައިވޭ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރެވިގެން ފަރުވާދެމުންދާ މީހުންގެ އަދަދު 69 އަށް މިވަނީ އަރާފައި. މި އެންމެންވެސް ތިބީ ވޯޑުގައި. ލ. ގަން ކޮވިޑް ފެސިލިޓީގައި މިވަގުތު ދެ މީހުން އެބަތިބި. އެހެންކަމުން މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ ޖުމުލަ 73." އޭނާ ވިދާޅުވިއެވެ.
މިއަދު ވަނީ އަނެއްކާވެސް ކޮވިޑު ކޭސްތަކުގެ އަދަދުތައް މައްޗަށް ގޮސްފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 68 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 12،452 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 36 ދިވެއްސަކާއި 32 ބިދޭސީންނެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަތަރު ދުވަހު ކޮވިޑް ކޭސްތަކުގެ އަދަދު 40 އިން މަތީގައި އުޅުމަށްފަހު އިއްޔެ ވަނީ ކޭސްތަކުގެ އަދަދު ވެއްޓިފައެވެ. އެ ހަތަރު ދުވަހުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު 110 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށްފަހު ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އިއްޔެ ޕޮޒިޓިވްވީ 29 މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 69 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 11،475 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 925 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 332 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު