ތޮއްޖެހިފައިވާ އަދި ހާސްކަން ބޮޑު މާލެއިން ހުޅުމާލެއަށް ދިއުމުން ހަގީގަތުވެސް ހިތަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދެ އެވެ. ފުރަތަމަ ވެސް އެ ފެންނަ، ފުޅާމަގުތަކާއި ހިނގާލަން ފަސޭހަ ޕޭވްމަންޓްތަކާއި ހުސް ޖާގައިގެ ސަބަބުންނެވެ. ނަމަވެސް މަޑުމަޑުން ގޮސް އެ ހިތްގައިމުކަން މިވަނީ ގެއްލެން ފަށައިފަ އެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ މާލެއަށް ވެސް ދިމާވެފައިވާ އެއް މައްސަލަ އެވެ. މަގުތައް ޕާކިން ޒޯންތަކަކަށްވެ އެ ރީތި އަވަށުގެ ހިތްގައިމުކަން ވެސް ގެއްލުވާލަނީ އެވެ.
މީގެ ދެ އަހަރު ކުރިން ސިނަމާލެ ބްރިޖު ހުޅުވުމާއެކު މާލެއިން ހުޅުމާލެއަށް ދިއުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. އެއާއެކު ތޮއްޖެހިފައިވާ މި މާލެ ދޫކޮށް އެތައް ބަޔަކު ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރި އެވެ. ހިތް ފަސޭހަ އެ އަވަށުގެ އާބާދީ ކުއްލިއަކަށް ބޮޑުވެގެން ދިޔަ އެވެ. ހަމައެކަނި މީހުންނެއް ނޫނެވެ. މާލޭގައި ދުއްވާ ވެހިކަލްތައް ވެސް ޕާކް ކުރާ ޒޯނަކަށް ހުޅުމާލެ މިވަނީ ބަދަލުވެފަ އެވެ. އަމިއްލަ ވެހިކަލްތަކުގެ އިތުރުން ގިނަ ޓެކްސީތަކެއް ވެސް ޕާކް ކުރާ ޒޯނަކީ މިހާރު ހުޅުމާލެ އެވެ.
"މާލޭގައި ކޮންތަނެއްގައި ކާރު ބާއްވާނީ؟ ގެ އެއް ކައިރި ބާއްވައިފިއްޔާ އެ ގޭ ދޮށުގައި ސައިކަލް ބަހައްޓަން އަންނަ މީހުންނަށް ޖާގަ ނުލިބޭތީ ކާރަށް ގެއްލުން އެބަ ދޭ. އެހެންވެ ކާރު ހުޅުމާލޭގައި ބާއްވާފައި ސައިކަލްގައި މާލެ އަންނަނީ. އެތާ ބޭއްވިޔަސް ގެއްލުން ދޭ. އެކަމަކު މާލެ ވަރެއް ނޫން،" ހުޅުމާލޭގައި ޓެކްސީ ޕާކް ކުރާ ސަބަބު ކިޔައިދެމުން ޓެކްސީ ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.
ކުރިންސުރެވެސް ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ބޭނުން ނުކުރާ އުޅަނދު ޕާކްކޮށްފައި ހުރެ އެވެ. މިހާރު ހަމައެކަނި އެ ސަރަހައްދެއް ނޫނެވެ. މީހުން އުޅޭ ސަރަހައްދުގެ މަގުތައްވެސް ޕާކިން ޒޯނަކަށް ހަދައިފި އެވެ. އޭގެ ތެރޭގައި ހަވާލުވެ ނުދުއްވޭ ހާލަތުގައި ހުރި ވެހިކަލްތަކާއި ރާއްޖެ އެތެރެކޮށް ރަޖިސްޓްރީ ނުކޮށް ހުރި ވެހިކަލްތައް ވެސް ހިމެނެ އެވެ. އަދި ބާވެފައިވާ ޕިކަޕާއި ވޭން ފަދަ ތަކެތި މަގުތަކުގައި ބާއްވައިގެން އެތަކެތީގައި މުދާ ބަހައްޓައިގެން އުޅުމަކީ ވެސް އާއްމު ކަމެކެވެ. ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކުގެ އިތުރުން މޫދުކުޅިވަރު ތަކުގައި ބޭނުންކުރާ އުޅަނދުތައްވެސް މަގުތަކުގައި ބަހައްޓާފައި އެބަހުއްޓެވެ.
ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދު ފަހަރާއި ބާވެ ނުދުއްވޭ ހާލަތުގައި ހުރި އުޅަނދުތައް ހުޅުމާލޭ މަގުތަކަށް ގިނަވި އަނެއް ސަބަބަކީ މާލޭ އިންޑަސްޓްރިއަލް ޒޯންގައި އެ ވެހިކަލްތައް ޕާކްކޮށްފައި ހުއްޓާ އެތަކެތި ނަގަން އިއުލާން ކުރުމެވެ. ނޫންނަމަ އެތަކެތި ނައްތާލަފާނެ ކަމުގެ ބިރަށް ހުރިހާ ވެހިކަލެއް މިސްރާބު ޖެހީ ހުޅުމާލެ އަށެވެ. އޭގެ ސަބަބުން އެ އަވަށް އެވަނީ ޕާކިން ޒޯނަކަށް ބަދަލުވެފަ އެވެ.
"ކުރިން ވަރަށް ފަސޭހަ ޕާކް ކުރަން، މަގު ހުރަސް ކޮށް އުޅެން ވެސް. ދެން އެނގޭ ބްރިޖާއެކު އެކަން އެގޮތަށް ނޯންނާނެކަން ވެސް. އެކަމަކު މިހާރު މިއޮތީ ހައްދުން ނައްޓާފައި. ހަމައެއް ލަމައެއް ނެތް. މަގުތައް ގަރާޖުތަކަކަށް ހަދައިފި،" ހުޅުމާލޭގައި ދިރިއުޅޭތާ ހަތް އަހަރު ވެފައިވާ އަލީ ހުސައިން ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.
ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ރަޖިސްޓްރީ ކުރެވޭނީ ފްލެޓުތަކާއި ރޯހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި ކަމަށް، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން އޮތީ ކަނޑައަޅައިފަ އެވެ. އޭގެ ނާޖާއިޒު ފައިދާ ނަގައި މާލޭގައި ދުއްވަން ގެންނަ ވެހިކަލްތައް ހުޅުމާލޭގައި ރަޖިސްޓްރީ ކުރަން ފެށި އެވެ. މާލޭގައި ގަރާޖެއް ނެތް ނަމަ ރަޖިސްޓްރީ ނުކޮށްދޭތީ އެވެ. އެޗްޑީސީއިން ފަހުން އެ ގަވައިދު އިސްހާލުކޮށް މިހާރު އެއަވަށުގައި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކޮށްދެނީ ގަރާޖެއް ދެއްކުމުންނެވެ.
ނަމަވެސް އެކަން މޮނީޓާ ކުރެވޭނެ ރަނގަޅު އުސޫލެއް ނެތެވެ. އެހެންކަމުން އެ އަވަށުގެ މަގުތަކުގައި ދާއިމީކޮށް އެ ޕާކްކުރަނީ މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްތޯ ނުވަތަ އެ އަވަށުގައި ރަޖިސްޓްރީ ކޮށްފައިވާ ބެލޭނެ ފަސޭހަ އިންތިޒާމެއް އަދި ނެތެވެ. ނަންބަރު ބޯޑުން ވެސް ތަފާތެއް ނުފެނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވިގޮތުގައި އެ އަވަށުގެ މަގުތައް ޕާކިން ޒޯންތަކަކަށް ހެދުމުގެ ސަބަބުން އެތައް ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. މާލެގައި ދުއްވަން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލޭގައި ޕާކް ކޮށްފައި ބެހެއްޓުމަކީ ހިތްވަރު ދޭ ކަމެއް ނޫން ކަމަށް ސުހައިލް ވިދާޅުވި އެވެ.
އެފަދަ ވެހިކަލްތައް ނަގަން ބޭނުންވިޔަސް އެއީ އެޗްޑީސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އެ މައްސަލަ ހައްލު ކުރަން ފުލުހުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ސުހައިލް ވިދާޅުވި އެވެ.
ހުޅުމާލޭ މަގުތަކުގައި ގިނަ އިރުތަކަށް ޕާކް ކުރުމަށް އަގެއް ދޭން ޖެހޭ ގޮތަށާއި ފައިސާ ދީގެން ރައްކާތެރިކަމާއެކު ޕާކް ކުރުމަށް ޕާކިން ބިލްޑިންތަކެއް ހެދުމުގެ ވިސްނުން މިހާރު ގެންގުޅުއްވާ ކަމަށް ސުހައިލް ވިދާޅުވި އެވެ.
"ހިލޭ މަގުތަކުގައި ޕާކިން ލިބޭތީ ގޭގައި ގަރާޖު ހަދާ ޖާގައިގައި ފިހާރަ ނަމަވެސް ތަނެއް މި ހަދަނީ. އެހެން ހެދުމުން ރަނގަޅު ގޮތުގައި ޖާގަ ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބަ ގެއްލޭ. އެހެންވެ މަގުތަކުގައި ވެސް ޕާކް ކުރެވޭނީ އަގެއް ކަނޑައަޅައިގެން ކަމަށް އުސޫލު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިއަންނަނީ. އެކަމަށް ކުރަން ޖެހޭ މަޝްވަރާތައް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ފަށައިފައި މިވަނީ،" ސުހައިލް ވިދާޅުވި އެވެ.
މާލެއަށް ކެރިކުޅަދާނަ ނުވާވަރަށް ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައި އެބަހުއްޓެވެ. އޭގެ ސަބަބުން މާލެ ތޮއްޖެހި ހިތްގައިމުކަން ގެއްލިފައިވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އުޅަނދުތަކުގެ ސަބަބުން ހުޅުމާލޭގެ ހިތްގައިމުކަން ވެސް މިވަނީ ގެއްލެން ފަށައިފަ އެވެ. ވެހިކަލްތަކުން ހުޅުމާލެ ހިފައިފި އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް