ހއ. ހޯރަފުށީ އެއާޕޯޓު ހުޅުއްވައި ދެއްވުމަށް ރައީސް ސޯލިހު މިއަދު ހޯރަފުއްޓަށް ވަޑައިގަންނަވައިފިއެވެ.
ހޯރަފުއްޓަށް ވަޑައިގެންނެވިކަމަށް ރައީސް ސޯލިހު ވިދާޅުވީ، ހޯރަފުށި އެއާޕޯޓަށް ފްލައިޓް ޖެއްސި ވީޑިއޯއެއް ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު، ރައީސް ސޯލިހު ހޯރަފުއްޓަށް ކުރެއްވި މި ދަތުރުފުޅަކީ ގާތްގަނޑަކަށް 10 މަސް ދުވަސް ތެރޭ އެމަނިކުފާނު މާލެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށެވެ.
މީގެ ކުރިން ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ނިންމާފައި އޮތީ މިދިޔަ އަންގާރައިގައެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި ރަސްމިއްޔާތު ވަނީ މިއަދު ހަވީރަށް ފަސްކޮށްފައެވެ.
ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުގައި ހެދި ފުރަތަމަ އެއާޕޯޓެވެ. އަދި މި އެއާޕޯޓަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ.
ހޯރަފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ހަދަން ނިންމި އެއާޕޯޓެކެވެ. ނަމަވެސް އެ އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ 198 މިލިއަން ރުފިޔާއަށެވެ.
އެ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ސެކިއުރިޓީ ބީޗް ފެންސެއް ވަނީ ޖަހައިފައެވެ. އަދި 1.2 ކިލޯ މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފައެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ކޮށްފައިވަނީ ފަޔާ ބިލްޑިންއަކާއި ޕަސެންޖާ ޓާމިނަލެއް ހެދުމެވެ. ޖުމްލަ 13.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ މިމަހުގެ 11 އަށް ނިންމުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު