ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުފެދިފައިވާ ގޮތް މި ފަސް އަހަރުތެރޭ ބަދަލުކުރައްވަނެ ކަމަށާއި އެކަން ލަސް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ، ޖޭއެސްސީއަށް ބަދަލުތަކެއް ގެންނެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުފުދުޅެކެވެ. އެ ބަދަލުތަކުގެ ތެރެއިން ސިޔާސީ ނުފޫޒުން އެ ކޮމިޝަން ސަލާމަތްކުރުމާއި ޖޭއެސްސީން ފަނޑިޔާރުންނަށް ފުރުސަތު ނުދިނުން އަދި ޖޭއެސްސީގެ މެންބަރުންގެ ދައުރަކީ ތިން އަހަރު ކަމަށް ކަނޑައަޅުއްވާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގެންދަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ޖޭއެސްސީއަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ތުހުމަތުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ސިޔާސީ ނުފޫޒުން ޖޭއެސްސީ ސަލާމަތްކުރުން ލަސްވެފައިވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން ލަސް ވެފައިވާކަން ގަބޫލުފުޅު ނުކުރައްވާ ކަަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ފަސް އަހަރު ތެރޭގައި އެކަން ކުރާނެ. އެއީކީ އެއްވެސް ވަރަކަށް ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި ހިމެނެން ޖެހޭތޯ އެއީ ނާހަންވީ ސުވާލެއް ނޫން ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ފާހަގަ ކުރެވިފައިވަނީ އެހެން ވެގެން ކަމަށެވެ.

ޖޭއެސްސީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ހަރުދަނާ ރަނގަޅު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ފަނޑިޔާރުގެއާއި ގުޅޭގޮތުން މީގެ ކުރިން ނުރަނގަޅު ވާހަކަތަކެއް ދެކެވުނު ނަމަވެސް، މިހާރު ފަނޑިޔާރުގެއާ ގުޅޭގޮތުން ދެކެވޭ ވާހަކަ މަދު ކަމަށެވެ. އަދި ގިނަ ފަނޑިޔާރުންނަކީ ޝަރީއަތުގެ ކަންތައްތައް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރިއަށް ގެންދާ ބައެއް ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބުނާގޮތުން މިހާރު ޖޭއެސްސީގައި ތިއްބަވަނީ 10 މެންބަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ދައުލަތުގެ ބަންޑާރަ ނައިބާއި ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ.