ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރު ކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު ސިޔާމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސިޔާމު ވިދާޅުވީ، މަޖިލިސް ރައީސް ނަޝީދުގެ މަސައްކަތްޕުޅަކީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރު ކުރެއްވުން ކަމަށެވެ.
އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ބަޖެޓް ފޮނުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަން ފާހަގަ ކުރައްވައި ސިޔާމު ވިދާޅުވީ، އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު ވެރިކަމުގައި އިންނަވައިގެން ބަޖެޓް ފޮނުއްވިނަމަ، ޝުކުރު އަދާ ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ، އޭނާގެ ދާއިރާއަށް ބޭނުންވެގެން އެދުނު ހުރިހާ ކަމެއް ބަޖެޓްގައި ހިމަނައިދީފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ށުކުރު އަދާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ކުރައްވަމުން ގެންދަވާ މަސައްކަތަތަށް ވެސް ސިޔާމުގެ ވާހަކައިގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައި، މުޅި މަޖިލިސް ކޯޓަކަށް ހައްދަވައި ރައްޔިތުންގެ މަޖިލީހާއި މުޅި ގައުމު ހަރާބު ކުރައްވައިފި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް