މިދިޔަ ސަރުކާރުން ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމައިދިނުމުން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތުހުމަތުކޮށް، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބާރީ ހުންނެވީ ސަސްޕެންޑް ކޮށްފައެވެ.

ބާރީގެ މައްސަލަ ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރުމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރިޕޯޓު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ ތަޅުމަށް އިއްވެވުމުން އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީއަށް ފޮނުވައިފިންކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދޅުވިއެވެ.

ޖޭއެސްސީން ބުނީ ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ މާލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި މި މުއްދަތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައި ނުވާ ކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ ކަމަށެވެ.

"މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ގާޒީ ބާރީއާ ގާތް ގުޅުމެއް އޮތްކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާ އެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބައިވެރިވިކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަންވެސް ވަނީ ފާހަގަކުރެވިފައި،" ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓްގެ ގާޒީ ކަމުގައި ހުންނެވިއިރު، ޝަރީއަތްތައް ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާ ކަމަށެވެ. އަދި ގާޒީ ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ ބާރީ ދައްކާފައިވާ އިރު، އެ ފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީގެ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ.