ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 32 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެއާޕޯޓުގެ ކާގޯ ޑިޕާޓްމެންޓުން މިއަދު ދިހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި ޖުމުލަ އަދަދު ވަނީ 32 އަށް އަރައިފައެވެ.
އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓުން މުވައްޒަފަކު ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު ފަސް މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި އިއްޔެ ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ.
ދެ މަސް ދުވަހަށްފަހު މިއަދު ވަނީ 100 އިން މައްޗަށް ކޮވިޑް ކޭސްތައް އަރައިފައެވެ. އެންމެ ގިނައިން މިއަދު ޕޮޒިޓިވްވެފައިވަނީ އެއާޕޯޓުގެ މަސައްކަތެއް ކުރާ ޗައިނާގެ ދެ ކުންފުނިންނެވެ. އެގޮތުން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީން މިއަދު 22 މީހުން ޕޮޒިޓިވްވެފައިވާ އިރު، ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީން 16 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު އެ ދެ ކުންފުނިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 90 އަށް އަރައިފައެވެ. އެ ކްލަސްޓާގެ ކޭސްތައް ފުރަތަމަ ފެނިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އޭރު ޕޮޒިޓިވްވެފައިވަނީ ޗައިނާ ހާބާ އިންޖިއަރިންގެ 45 މުވައްޒަފެކެވެ.
މީގެ އިތުރުން ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާ އިން މިއަދު ވަނީ 21 މީހުން ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ވަނީ އެރަށުން 26 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 މީހުން ޕޮޒިޓިވްވެފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި 31 ދިވެހިންނާއި 79 ބިދޭސީން ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން 12،314 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، މި ބަލިން 11،316 މީހަކު ވަނީ ފަސޭހަވެފައެވެ. އަދި މި ބަލީގައި ރާއްޖެއިން 44 މީހަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު