އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތުކުރެވޭ، އަބްދުﷲ އިބްރާހީމް (އަބުޗާ) 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން އޭނާ ބަންދުން ދޫކޮށްލި މައްސަލަ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދެއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލި، އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ނަމަވެސް އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ. މި މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަކިކުރެއްވި ކަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އިއްޔެ އިއުލާނު ކުރައްވައިފައެވެ.
އޭނާ ދޫކޮށްލި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެކަން ހިނގައި ދިޔަގޮތް މަޖިލީހުން ބެލުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެފަދަ ކަމެއް ތަކުރާރުވުން ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ޕެރޯލު ދިނުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތަކާ އެކު 8 ކަމެއް ތަހުގީގުކޮށްދިނުމަށް މެންބަރު އެދިވަޑައިގެންފައިވެއެވެ.
އެ ކަންތައްތަކަކުގެ ތެރޭގައި ހިމެނެނީ:
-
- އެ ނިންމުން ނިންމުމަށް ޕެރޯލް ބޯޑުން ވޯޓުދިންގޮތާއި ޕެރޯލު ދިނުމަށް ނިންމައި ދޫކޮށްފައިވާ ރަސްމީ ލިޔުން ހިމެނޭހެން އެ މައްސަލައާ ގުޅޭ ފުރިހަމަ އިދާރީ ފައިލު ހޯދައި ދިރާސާކުރުން
- ޕެރޯލު ދިނުމަށް ޝަރުތު ހަމަވާކަމަށް ނިންމި ގާނޫނީ އަސާސަކީ ކޮބައިތޯ އާއި އެ ނިންމުމަށް ވާސިލުވުމަށް ބޭނުން ކުރި މިންގަނޑުތަކާއި ބަހުސްކުރި ނުކުތާތައް ޕެރޯލު ބޯޑު މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސާފުކުރުން
- ކުށްވެރިޔާ ދޫކޮށްލުމުގެ މަސައްކަތް ހިނގަމުންދާކަން ނުވަތަ ދޫކޮށްލިކަން ހޯމްލޭންޑް މިނިސްޓްރީއަށް އެނގުނު ތާރީހާއި ވަގުތުގެ އިތުރުން ޕެރޯލު ބޯޑާއި މިނިސްޓްރީއާ ދެމެދު ކުރެވުނު މުއާމަލާތްތަކާއި މެންބަރުން މަގާމުން ވަކިކުރި އަސާސް ސާފުކުރަން މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުން
- އެ ކަމުގައި ނުފޫޒެއް ނުވަތަ މަގާމުގެ ނުފޫޒުން މީހަކަށް މަންފާއެއް ހޯދަދީފައިވޭތޯ ސާފުކުރަން އޭސީސީ އަދި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގަން ހުށަހެޅުން
- މިއީ އިޖުރާއީ ގޯހެއްތޯ ނުވަތަ ނިޒާމީ ގޮތެއްގައި ހިނގަމުންދާ ކަމެއްތޯ ބަލަން ޕެރޯލް ބޯޑުގެ ކުރީގެ ނިންމުންތައް ދިރާސާކުރުން
- 25 އަހަރުގެ ހުކުމެއް އޮތް ބޮޑު ކުށްވެރިޔަކު ދޫކޮށްލުމުގައި ޕެރޯލް ބޯޑަށް ގާނޫނީގޮތުން އޮޅުން އެރީ ކީއްވެތޯ އާއި އެ މެންބަރުންގެ މައްސަލަ ބަލައި ފިޔަވަޅެއް އަޅާނެތޯ ނިންމުން މިފަދަ ނުބައި މާނަކުރުމެއްގެ ތެރެއިން މީގެ ކުރިން ބޮޑެތި ކުށްވެރިން ދޫކުރެވިފައިވޭތޯ ބަލަން އޮޑިޓެއް ހިންގުމާމެދު ގޮތެއް ނިންމުން
- ޕެރޯލު ބޯޑުން މިނިވަންކުރުމަށް ފަހު، ކޯޓު އަމުރަކާނުލައި ނުވަތަ އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭ ގާނޫނީ އިޖުރާއަތަކީ ކޮބައިތޯ ސާފުކުރުން
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް