ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަޝްތުވާތަކެއްޗާ އެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިވިޝަން 1 އިން ހައްޔަރުކޮށްފައިވަނީ އަލީ ރާޝިދު، 46އ އާއި މުހައްމަދު ވިސާމް، 36އ. އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ ޕަތޫނާމް ސަރަހައްދުގައި ހުންނަ ކާގޯ ސާވިސްއަކަށް ފުރަތަމަ ގެންދިޔަ ގިނަ އަދަދެއްގެ ޕާރުސަލްތަކެއްގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ބުނެ ރިޕޯޓް ކުރުމާ ގުޅިގެން، އެ ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިގެންނެވެ.
އެ ޕާރުސަލްތަކުން ނުބައި ވަސް ދުވާތީ ކާގޯ އޮފީހުން އެ ތަކެއްޗާ ހަވާލު ނުވުމުން އެ މީހުން އެ އެއްޗެހި ގެންގޮސް ބެހެއްޓީ ސުކުމްވިތު ސަރަހައްދުގައި އެ މީހުން ތިބި ކޮޓަރީގައެވެ.
ބެންކޮކުގެ ފުލުހުން އެ ކޮޓަރި އާއި ޕާރުސަލްތައް ބަލައި ފާސްކުރި އިރު، އެތަކެތި ފޮރުވާފައި ހުރީ ސްޓެއިންލެސް ސްޓީލް އިންސުލޭޓް ކޮށްފައިވާ 8 ޓަމްބްލާ ތަށިތަކުގައާއި ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރުތައް ތެރޭގައެވެ. އެގޮތުން ތަށިތަކުގެ ތެރެއިން ކްރިސްޓަލް މެތު ފެނިފައިވާ އިރު، ކޮންމެ ތައްޓެއްގެ ތެރޭގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމް ފޮރުވާފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މެތުގެ ޖުމްލަ ބަރުދަނަކީ 2.37 ކިލޯ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އަދި ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރުތަކުގެ ތެރެއިން 10 ކިލޯގެ ކެނެބިސް ވަނީ ފެނިފައެވެ.
އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ހުއްދަ ނެތި ވިއްކުމުގެ ނިޔަތުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ކަމަށްވާ ކްރިސްޓަލް މެތު ގެންގުޅެ ބެހުމުގެ ކުށުގެ ދައުވާއެވެ. ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
އެމީހުން ފުލުހުންނަށް ބުނީ އެ ފޮށިތަކުގައި މަސްތުވާތަކެތި ނުވަތަ ގަވާއިދާ ހިލާފު ތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ޕާރުސަލްތަކަކީ ރައްޓެއްސަކު ބުނެގެން ފޮނުވަން ހަވާލުވި ތަކެތި ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން އަންނަނީ އެ ދެ މީހުންނަކީ ޓްރާންސްނޭޝަނަލް ޑްރަގް ޓްރެފިކިން ނެޓްވޯކަކާ ގުޅިފައިވާ ދެ މީހުންތޯ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ އެހެން ބިދޭސީން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް