ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެއް ކަމަށެވެ.

މީގެއިތުރުން، އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރި ކުރުވުމަށާއި ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.

އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ. އަދި މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާ ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާއީ މަޝްރޫޢުތަކަށް އެ ބޭންކުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.