ބިގު ކުންފުނިން ބޭންކް އޮފް ސިލޯނުގައި އޮތް އެކައުންޓަކަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާތަކެއްގެ އަސްލު ކަށަވަރު ނުވާ މައްސަލައެއް ބެލުމަށް، އެ މައްސަލައާ ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވައިލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓާއި ގުޅިގެން ބަލަން ފެށި އެ މައްސަލައިގައި ހިމެނޭ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން އުފައްދާފައިވާ ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ނިންމާފައި ވަނީ "މި އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު ބިގު ކުންފުނިން 2،158،000ރ. (ދެ މިލިއަން އެއްލައްކަ ފަންސާސް އަށްހާސް) ރުފިޔާ ޖަމާ ކުރުމަށް ބީއެމްއެލްއަށް ދިއުމުން އެ ފައިސާގެ އަސްލު، އަދި އެއީ ކޮން ގޮތަކުން ލިބުނު ފައިސާއެއްކަން ހާމަކުރުމަށްޓަކައި ބޭންކަށް ހިއްސާ ކުރި ލިޔެކިޔުންތަކުން ބީއެމްއެލްއަށް އެކަށީގެންވާ މިންވަރަށް އެފައިސާގެ އަސްލު އެ ލިޔެކިޔުންތަކުން ޔަގީން ނުވާތީ އެފައިސާ ޖަމާކޮށްދީފައި ނުވާ،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ ބިގުގެ އެކައުންޓަށް 18 މާޗް 2020 ގައި އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށާއި، ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަންސް، (ޕީއީޕީ) ފަރާތްތަކަކާ ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ ނަގުދު ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭނގޭތީ އާއި އެ ނަގުދު ފައިސާގެ އަސްލު ޔަގީން ނުވާތީ އެ މުއާމަލާތާއި ގުޅިގެން އެމްއެމްއޭގެ އެފްއައިޔޫއިން އެކުލަވާލި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގައި މަނީ ލޯންޑަރިންގެ ކުށުގެ އަމަލު ހިމެނޭތޯ ބެލުމަށް އެ ރިޕޯޓު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ އެ މައްސަލަ ބެލުމަށް އެ ރިޕޯޓު މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ