ގާނޫނީ ވަކީލުކަމުގެ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑަށް ބާ ކައުންސިލުން ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގޮތްތަކެއް ނިންމިއިރު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ލަފައެއް ނުހޯދުމުން، އެ އިދާރާގެ ސީއީއޯ މަރިޔަމް ފިޒާނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލަ އުފެދުނީ، ގާނޫނީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ބާ ކައުންސިލުން މިދިޔަ ޖުލައި މަހު އެކުލަވައިލި އުސޫލުގެ ސަބަބުންނެވެ. އެ އުސޫލުގައި ބުނާ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޑިގްރީގެ ހުރިހާ އިމްތިހާނުތަކެއް ހަދަންޖެހޭނީ ސީދާ އެކަމަށް ކަނޑައަޅާފައިވާ މަރުކަޒަކަށް ހާޒިރުވެގެންނެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ މައްޗަށް ވެސް އެ ގަވާއިދު ހިނގާނެ ކަމަށް ބާ ކައުންސިލުން އޮތީ ނިންމައިފައެވެ.

ނަމަވެސް، އިއްޔެ ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުސޫލުން އިސްތިސްނާކޮށް، އަލަށް ފަށާ ދަރިވަރުންނަށް އެކަނި އެ އުސޫލު ހިނގާ ގޮތަށް ބަދަލުކުރުމަށް ބާ ކައުންސިލަށް ލަފާދިނުމަށެވެ.

މި ނިންމުމާ ގުޅިގެން ފިޒާނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރާއިރު، ދަސްވެނިވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ބާ ކައުންސިލުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީން އެކަމާ މެދު ގޮތެއް ނިންމިއިރު ތައުލީމީ މިންގަނޑުތައް ބަލަހައްޓާ މައި އިދާރާ، އެމްކިއުއޭގެ އެއްވެސް ބަހެއް ނުހޯދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ނިންމުމުގައި ކޮމިޓީގެ ބައެއް މެންބަރުންގެ ޒާތީ މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ ފިޒާނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާނޫނު ހަދަން ތިބެ އަދި އަމިއްލައަށް ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ބަޔަކަށް މަސްލަހަތު ފުށުއެޅުމުގެ މާނަ މާ ބޮޑަށް ވެސް ސާފުވާން ޖެހޭނެއެވެ.

ކޮމިޓީގައި މިގޮތަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން ގެންދަވާ ވެރިކަންކުރާ ޕީއެންސީގެ ދެ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.

މީގެއިތުރުން ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވާހެން ސަރުކާރު ހިންގާ ޕާޓީގެ އިތުރު ގިނަ މެންބަރުންތަކެއް މިވަގުތު ވެސް ގެންދަވަނީ ލޯ ޑިގްރީއަށް ކިޔަވައިވިދާޅުވަމުންނެވެ.