މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދަންޖައްސައިގެން މަރުގެ އަދަބުދިނުމަށް ހިމަނައި، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެ ބިލުގެ އިބުތިދާއީ ބަހުސް މިއަދު ނިންމައި މަޖިލީހަށް ބިލު ބަލައިގަނޭތޯ، ނެގި ވޯޓުގައި މަޖިލީހަށް ބިލު ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި، 57 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ، ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު، ހަނާން މުހައްމަދު ރަޝީދެވެ.

މި ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ކަމާގުޅޭ އުސޫލުތަކާއި އާއްމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުން ކަމަށެވެ. އެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަކީ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ޝަރުތުތަކާއި އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މަރުގެ އަދަބެއް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަކުރަން ޖެހޭ އިލްތިޒާމްތަކާއި މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާއި ސަބަބުތައް ބަޔާންކޮށް އަދި އެނޫންވެސް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒުކުރުމުގެ ޝަރުތުތައް ފުރުހަމަވެެގެން މެނުވީ އެ އަދަބު ތަންފީޒެއް ނުކުރެވޭނެއެވެ.

އަދަބު ތަންފީޒުކުރުން ވަގުތީގޮތުން މަނާވާ ހާލަތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލުގައިވާގޮތުން އާއްމުކޮށް ފެންނާނެ ފަދަ ތަނެއްގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ އިރު، ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކަންކަން ހިންގައި ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އެ ޕެނަލް އެކުލަވައިލާ ތާރީހުން ފެށިގެން ގިނަވަގެން 30 ދުވަހުގެ ތެރޭގައި ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ތާރީހަކާއި ވަގުތެއް ޕެނަލުން ކަނޑައަޅަންވާނެ ކަމަށް ބިލުގައިވެއެވެ.

އަދަބު ފަސްކުރަން ޖެހޭ ހާލަތްތަކާއި ކުށްވެރިޔާއަށް މައާފު ދެވޭނެ ހާލަތްތައްވެސް ބިލުގައި ކަނޑަަޅާފައިވެއެވެ.

ބިލުގައިވާގޮތުން މަރުގެ އަދަބު އަމަލީގޮތުން ތަންފީޒު ކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގަންވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ. މި ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެންނެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގެ ހުއްދަ ޕެނަލުން ދިނުމަށްފަހު، އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވުމަށްފަހު، އަދަބު ތަންފީޒު ކުރަން ފަށަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގެ ޝަރުތުތަކުގެ ގޮތުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ވާސިރުން އެއްބަސްވުމާއި ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން މައްސަލަ ބެލުމާއި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތް ކުރުމާއި އަދަބު ކަނޑައަޅާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހައްގު ހޯދައިދިނުން ހިމެނެއެވެ.

ފަސް ލައްކަ ރުފިޔާއާ ހަމައަށް އަބުރުގެ ބަދަލު ނަގައިދެވޭގޮތަށް ކަނޑައަޅައި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު މަޖިލީހަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

އެ ބިލުގެ އިބުތިދާއީ ބަހުސް ނިމުމުން މިއަދުގެ ޖަލްސާގައި މަޖިލިހަށް ބިލު ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި، 56 މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންނާއި ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނާއެކު، 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ބަލައިނުގަތުމަށް އެމްޑީޕީގެ ހަތަރު މެންބަރުން ވޯޓު ދެއްވިއެވެ. އަދި އެމްޑީޕީގެ ހަތް މެންބަރަކު ވޯޓުގައި ބައިވެރިނުވެ ތިއްބެވިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން، ކޮންމެ މީހަކަށް ލިބޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

މި ބިލުގެ މަގުސަދަކީ މުޖުތަމައުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަ ކަމެއް ގާއިމު ކުރުމާއި އަބުރާ ބެހެވުނު ފަރާތަކަށް އެކަމުގެ ހަގީގަތް ހާމަކުރުމުގެ ނުވަތަ ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިސްލާހުކޮށްދިނުމުގެ ހައްގު ލިބިގެންވާކަން ބަޔާންކުރުމެވެ.

އޭގެ އިތުރުން އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައެޅުމަކީ ބިލުގެ މުހިންމު މަގުސަދެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެ ބިލުގައި އަބުރާ ބެހުމަކީ ކޮބައިކަން ބަޔާންކޮށްދީފައިވެއެވެ. އަދި އަބުރާ ބެހުން ކަމަށް ބެލެވޭނެ ހާލަތުތައް ތަފްސީލުކޮށްދިނުމުގެ އިތުރުން، އަބުރާ ބެހެވޭ ފަރާތުގެ ކިބައިން މައާފަށް އެދުމާއި ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައް ބިލުގައި ހިމަނާފައިވެއެވެ.

އަދި އަބުރާ ބެހެވުނު ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާގޮތުން، އިންޓަނެޓް ބޭނުންކޮށްގެން ހާމަކުރާ ލިޔުމެއްގައި ނުވަތަ ތައްޔާރުކޮށް ހިންގާ ވެބްސައިޓެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ނުވަތަ ނެރޭ އޮންލައިން ނޫހެއްގައި ނުވަތަ ބްލޮގެއްގައި ނުވަތަ އެނޫންވެސް އިންޓަނެޓް މެދުވެރިކޮށް އާންމުކުރާ އެއްޗެއްގައި ނުވަތަ ވަސީލަތެއްގައި، ވަކި ފަރާތެއްގެ އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކޮށްގެން ނުވަތަ ހިމަނައިގެން ނުވާނެއެވެ.

ބިލުގައިވާގޮތުން އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި 50,000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.