ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން، މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނުތައް ހެދުމުގެ ފުރުސަތު އެ ދަރިވަރުންނަށް ދޭން ބާ ކައުންސިލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ގާނޫނީ ތައުލީމުގެ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަސްތެރޭ ބާ ކައުންސިލުން ގެނައި އިސްލާހުގައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައެވެ.

މި ބަދަލާ މެދު ހިތްހަމަނުޖެހިގެން ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިއެވެ.

މި ޕެޓިޝަންގައި މައިގަނޑުގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނު ހެދުމުގެ ފުރުސަތު ލިބޭނެ ކަަމަށް ބަލައިގެން، ކޯހުގައި ބައިވެރިވެ، އެގޮތަށް ފެށި ކޯހެއްގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކޮށް، އިމްތިހާނަށް ހާޒިރުވާން ޖެހޭ ގޮތަށް ހެދުމުން އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާތީއެވެ.

އެހެންކަމުން އޭގައި ބުނެފައިވަނީ އެ ދަރިވަރުން އެދެނީ، މިހާރު ކުރިއަށްދާ ޑިގްރީ ޕްރޮގްރާމްތައް ނިމިގެން އަލަށް ފެށޭ ޕްރޮގްރާމްތަކުގައ މި އުސޫލަށް އަމަލުކުރަން ޖެހޭ ގޮތަށް ފަސްކޮށްދިނުމަށެވެ.

މި މައްސަލަ ދިރާސާކުރުމަށްޓަކައި ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން މިއަދު ނިންމީ، މި ކޯސްތައް ފަށައިގެން މިހާރު ކިޔަވަމުންދާ ދަރިވަރުން މި އިސްލާހުން އިސްތިސްނާކުރުމަށާއި އެ އުސޫލު ހަމައެކަނި އަލަށް މި ކޯސްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރުމަށެވެ.

އެހެންކަމުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އަންގަން މިއަދު ކޮމިޓީން ފާސްކުރިއެވެ.