އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓަށް ބުރަ ބޮޑުވެފައި ވަނީ، ޗައިނާއަށް ދައްކަން ޖެހޭ ލޯނު އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ގިނަވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގެ ތެރެއިން ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޗައިނާ ސަރުކާރުން އިންތިހާއަށް ރާއްޖެއަށް ލޯނު ދީފައިވާ ކަމަށެވެ.

އެގޮތުން ޗައިނާގެ ކޮމާޝަލް ބޭންކުތަކުންނާއި، ސަރުކާރު ހިއްސާވާ ބޭންކުތަކުން އޭރުގެ ސަރުކާރަށް ލޯނު ދީފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާއިން ދީފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ބޮޑުބައެއް އަނބުރާ ދައްކަން ޖެހިފައިވަނީ 2019 އަހަރާއި، މި ހިނގާ 2020 ވަނަ އަހަރުގެ އިތުރުން 2021 އަހަރާއި 2022 ވަނަ އަހަރު ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ "އަޅުގަނޑު ބަލާއިރުގައި 4.9 ބިލިޔަނަށްވުރެ ގިނަ ރުފިޔާ، ފަސް ބިލިޔަނާ ގާތްވާ ވަރަށް ރުފިޔާ މި ބަޖެޓްގައި އެބައޮތް އަޅުގަނޑުމެން ލޯނު އަނބުރާ ދެއްކުމަށް، އޭގެ އަށްޑިހައަށްވުރެ ބޮޑު ޕަސެންޓަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާ ކޮށް 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.