އިންޖީނުގެއިން އަރާ ކަޅު ދުމާއި އިންޖީނުގެ ބާރު އަޑުފަށްގަނޑުގެ ޝަކުވާއަކީ މި ފަހަކާ ޖެހެންދެންވެސް އަދި މިއަދުވެސް ބައެއް ރަށްރަށުގެ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ. ދިރިއުޅެމުން އަންނަ ގެއާ އިންވެގެން ނުވަތަ ކައިރީގައި އިންޖީނުގެ ހުރުމުން އެ ރައްޔިތުންނަށް އޮތީ ބޮޑު ވޭނަކަށް ވެފައެވެ. ވާރޭ ވެހޭ ޒަމާނެއްގައި ފުރާޅުން ފެން ނެނގޭނެ ގޮތެއް ނެތެވެ. އިންޖީނުގެއިން އަރާ ކަޅު ދުމުގެ ސަބަބުން ގޭ ފާރުތައް ހަޑިވުމާއި އިވޭ ބާރު އަޑުފައްގަނޑުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުންވެފައިވާ އެތައް ރައްޔިތަކު މިއަދުވެސް އެބައުޅެއެވެ. މީހުން ދިރިއުޅޭ ހިސާބުތަކުގައި އެއްވެސް ތަރުތީބެއް ނެތި ހުރި އިންޖީނުގެތަކާއި މެދު ޒަމާނުއްސުރެ ހުރި ކަންބޮޑުވުންތަކަށް ފާއިތުވި، އެއްވެސް ސަރުކާރެއްގައި އެދެވޭ ހައްލެއް ގެނެސްދެވިފައެއް ނެތެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ހުންގާނާއި ހަވާލުވެވަޑައިގެން، އެންމެ ހާއްސަ އިސްކަމެއް ދެއްވި އެއްކަމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑު މެދުވެރިކޮށް އެހެން ސަަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެގޮތުން ސަރުކާރަށް ދެއަހަރު ފުރިގެން ތިން ވަނަ އަހަރުގެ ދުވަސްތައް ގުނަމުން އަންނައިރު، އެކަމުގައި ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.
ކަރަންޓަކީ އަސާސީ ހިދުމަތަކަށްވާއިރު، އެކަށީގެންވާ ގޮތެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. އެ ވައުދު ފުއްދުމުގެ އިސް މޭސްތިރިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ 154 ރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑެވެ. ރައީސް ސޯލިހުގެ ސަރުކާރުން ފާއިތުވި ދެ އަހަރު ދުވަހު ކުރި ބުރަ މަސައްކަތުން ކުރީ ސަރުކާރުތަކުގައި ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތުގައި ސިފަވެފައި އޮތް ފެނަކަ ކޯޕަރޭޝަންއަކީ މިއަދު ރައްޔިތުން ބަލައިގަންނަ އަދި އިތުރުބާރު ކުރާ ކުންފުންޏަކަށް ވަނީ ވެފައެވެ. ފެނަކައަށް ރައްޔިތުންގެ އިތުބާރު ލިބުނީ ރައްޔިތުންނާއި ސީދާ ގުޅުން ހުރި ކަންކަމުގައި ފެނަކައިން ދައްކަމުން އަންނަ ނަމޫނާގެ ސަބަބުންނެވެ. އެގޮތުން ކަރަންޓުގެ ނެޓްވޯކްތައް އަޕްގްރޭޑް ކުރުމާއި އިންޖީނުގެތައް ރީލޮކޭޓް ކުރުމުގެ މަޝްރޫއަކީ ފެނައިން މިހާރު އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ. ފެނަކައިގެ އަމާޒަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެހެންތަނަކަށް ބަދަލުކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލުމެވެ.
ފެނަކައިން ރާއްޖޭގެ 154 ރަށުގައި ކަރަންޓުގެ ހިދުމަތް ދޭއިރު އޭގެ ތެރެއިން 66 ރަށުގެ އިންޖީނުގެތައް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. އިންޖީނުގޭގެ ޝަކުވާ އެރަށްރަށުގެ ރައްޔިތުން ކޮންމެ ދުވަހަކުހެންމެ ކުރެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާއި ރައްޔިތުންގެ މަޖިލީހަށްވެސް އެކަމުގެ ޝަކުވާ ރައްޔިތުން ހުށަހަޅާފައި ވެއެވެ. ރައްޔިތުންގެ އެ ކަންބޮޑުވުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް، އެ ރައްޔިތުން ސަރުކާރުގައި ޓަކިޖަހާތާ ވަނީ އެތައް ޒަމާނެއް ވެފައެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި، އިންޖީނުގެތައް ރީލޮކޭޓް ކުރުމުގެ 48 މަޝްރޫއުއެއް ފަށައި، މި މަހުގެ ތެރޭގައި އޭގެ ތެރެއިން 21 ރަށެއްގެ އިންޖީނުގެ އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިގެންދާނެއެވެ.
"އަޅުގަނޑުމެން ކުރި އަނެއް ކަމަކީ ރަށްރަށުގައި ހުރި އިންޖީނުގެތައް ސިންކްރޮނައިޒް ކުރުން. މުޅި ރާއްޖެ ސިންކްރޮނައިޒްކޮށް ނިމިފައި މިހާރުވާނީ. ދެން އަޅުގަނޑުމެން އަވަސްވެގަތީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުން. އެއީ ވަރަށް ޒަމާންވީ، ރައްޔިތުންގެ ވަރަށް ބައިވަރު ޝަކުވާތައް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން އަންނަ މައްސަލަތަކެއް. އެހެންކަމުން އަޅުގަނޑުމެން އަވަސްވެގަތީ އެ އިންޖީނުގެތައް އެއްފަރާތްކުރުމަށް. ނަތީޖާއަކީ މިއަދު 48 އިންޖީނުގެއެއްގެ މަސައްކަތް އަޅުގަނޑުމެންނަށް ފެއްޓި، މިމަހުގެ ތެރޭގައި 21 އިންޖީނުގެއެއް އަޅުގަނޑުމެންނަށް ހުޅުވިގެން ދިއުން މުޅިން އަލަށް." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވިއެވެ.
ފެނަކައިގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ހުރިހާ އިންޖީނުގެތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ޒަމާނީ ފެންވަރުގެ އިންޖީނުގެތަކެއް ރައްޔިތުންނަށް ހޯދައިދިނުމެވެ.
ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، އެ ވައުދު ފުއްދުމަށްޓަކައި މިއަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަނީ 77 މެގަވޯޓުގެ ކަރަންޓު ނެޓްވޯކް އިންސްޓޯލް ކޮށްފައެވެ. ކަރަންޓުގެ ނެޓްވޯކްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި 370،000 މީޓަރުގެ ކޭބަލް މިހާރު ވަނީ ވަޅުލައިފައެވެ. ނަތީޖާއަކަށްވެގެންދަނީ، ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތާ މެދު އޮންނަ އިތުބާރު ބޮޑުވެގެން ދިއުމެވެ.
ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމަކަށްވީ ހިނދު އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީވެސް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އަދި އުފައްދާ މިންވަރު އިތުރުކުރުމަށް ފެނަކަ ކޯޕަރޭޝަންއާއި އެންވަޔަރަމަންޓް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ވަނީ ފާއިތުވި ދެ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފެނަކައިން އަމާޒު ހިފާފައި ހުރީ ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ 70 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. އެގޮތުން މިހާރުވެސް ފެނަކައިން އަންނަނީ 8 މެގަވޯޓުގެ ސޯލާ ކަރަންޓު ބޭނުން ކުރަމުންނެވެ.
ފެނަކައިން ބުނި ގޮތުގައި، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުން މާލީ ގޮތުންނާއި ތިމާވެށީގެ ގޮތުން އެތައް ފައިދާއެއް ކުރާނެއެވެ. އެގޮތުން 12 މެގަވޯޓުގެ ސޯލާ ކަރަންޓު އުފެއްދުމުގެ މަޝްރޫއުއެއް ފަށަން ތައްޔާރުވެފައިވާ ކަމަށާއި، އެ މަޝްރޫއު ނިމުމުން ކަރަންޓަށް ކުރާ ހަރަދުން އަހަރެއްގެ މައްޗަށް 41 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
"މިހާރު ފެނަކައިގައި 8 މެގަވޯޓްގެ ސޯލާ ކަަރަންޓު ބޭނުންކުރާނެ. ބައެއް ރަށްރަށަކީ ފަސްގަޑިއިރު ނުވަތަ ހަ ގަޑިއިރު އިންޖީނު ނުހިންގާ ކަރަންޓު ދެވޭ ރަށްރަށް. ނަތީޖާއަކީ އޭގެ ސަބަބުން ތެލުގެ ހަރަދާއި ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ އަދަދު މަދުވެގެން ދިއުން. ހަމައެއާއެކު ތެލަށް ކުރާ ހަރަދުން 10 މިލިއަން ރުފިޔާ މިހާރު ސަލާމަތްކުރެވޭނެ. ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އަމާޒު ހިފާފައި މިތިބީ އަޅުގަނޑުމެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި 70 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން. އެގޮތުން 12 މެގަވޯޓުގެ ޕްރޮޖެކްޓެއް ފެއްޓުމަށް ވަރަށް ބައިވަރު މަސައްކަތްތައް މިހާރު ކުރެވިފައިވާނީ. އޭގެ ނަތީޖާއަކަށްވާނީ އަހަރެއްގެ މައްޗަށް 41 މިލިއަން ރުފިޔާ ސޭވް ކުރެވި، 16،000 ޓަނުގެ ސީއޯ2 އަޅުގަނޑުމެންނަށް މަދުކުރެވޭނެ ޖަށްވަށް ފޮނުވާ. ދެން ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިރުގެ ކަރަންޓު ބޭނުން ކުރަމުންދޭ. އެހެންކަމުން އަބަދު ތެލަށް ބަރޯސާވެގެން ތިބޭކަށް ނުޖެހޭ" ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މީގެ ކުރިން ބުނީ ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި އުފައްދާ ހަކަތައިގެ ހަތަރު ބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށެވެ. އެގޮތުން ސަރުކާރަށް ދެ އަހަރުވީއިރު، ރާއްޖޭގެ 48 ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައި، އިޔާދަކުރަނިވި ހަކަތަ އުފެއްދޭ މިންވަރު 3.5 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2018ގައި އަޅުގަނޑުމެންގެ މި އިޔާދަކުރަނިވި ހަކަތަ ހުރި މިންވަރަށް ވުރެ 20 ޕަސަންޓް އިތުރުކުރުން. 2018 ނިމުނުއިރު ގާތްގަނޑަށް ކުރީ ހަތަރު ޕަސަންޓް. ހަތަރު ޕަސަންޓުން މިހާރު 7.5 ޕަސަންޓަށް އިތުރުކުރެވިއްޖެ. އަޅުގަނޑުމެންގެ އަމާޒަކީ 2023 ނިމޭއިރު އަޅުގަނޑުމެން ބޭނުންކުރާ ހަކަތައިގެ ހަތަރުބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން. އެއީ ގާތްގަނޑަކަށް 24،25 ޕަސަންޓް" އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ، ރަށްރަށުގައި ސޯލާ ޖެހުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށެއްގެ އިހުތިސޯސްގައި ޖެހޭނެ އެންމެ ގިނަ ސޯލާ ޖެހުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްރަށުގައި ސޯލާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް އަޅުގަނޑުމެން އިއުލާނުކޮށް ޕްރީ ކޮލިފިކޭޝަންއަށް ހުޅުވާލީމަ ޕްރީކޮލިފިކޭޝަނަށް ހުށަހަޅާފައި އޮތް ޕްރޮޖެކްޓެއް އެބައޮތް. އެއީ އެރާއިސް ޕްރޮޖެކްޓް. އެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން މިޖަހަނީ ރާއްޖޭގައި 21 މެގަވޯޓްގެ ސޯލާ. އޭގެ ތެރެއިން 13 މެގަވޯޓް އަޅުގަނޑުމެން މިޖަހަނީ އައްޑޫގައި، ދެން އޭގެ އިތުރުން އަޅުގަނޑުމެން އެބަ ޖަހަން ފުވައްމުލަކާއި ކުޅުދުއްފުއްޓާއި އަދި ހަމަ ހިންނަވަރާއި، ބ. އަތޮޅުގެ އޭދަފުއްޓާއި ގދ. ތިނަދޫ ފަދަ ރަށްރަށުގައި އެބަ ޖަހަން. އެހެންކަމުން ޖުމްލަ 21 މެގަވޯޓު" ޑރ. ހުސައިން ރަޝީދު މީގެ ކުރިން ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިހާރު ފަށާފައިވާ އަދި ފަށަން ނިންމާފައިވާ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ނިމުމުން ހަކަތައަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.
އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުން ދުރަށް ބަދަލުކުރުމާއި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް މި ސަރުކާރުން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ގިނައެވެ. ހާއްސަކޮށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ބޮޑެވެ. ސަރުކާރުގެ އަމާޒަކީ، ރަށްރަށުގައި އިޔާދަކުރުވަނި ހަކަތައިގެ ހައިބްރިޑް ނިޒާމް ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގުޅިގެން ހިންގާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޮ ސަސްޓެއިނަބްލް އެނާޖީ ޑިވެލޮޕްމެންޓް" އާއި އެނޫންވެސް ޕްރޮޖެކްޓްތަކުގެ އެހީގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ބޮޑުތަނުން އިތުރު ކުރުމެވެ. ރާއްޖޭގައި މިހާރު 21.1 މެގަވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދާއިރު އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވެސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 148 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް